ފުޓްބޯޅައާ ފުޓްސަލް ވަކިކުރަން ޖެހޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ފުޓްބޯޅަަ ކުޅޭ ކުޅުންތެރީންނަށް ފުޓްސަލް ނުކުޅެވޭނެ ފަދަަ ގަވައިދެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދަވާކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ފުރަތަމަ ޑިވިޝަނަށް ކުޅޭ ބައެއް ކުޅުންތެރީން ފުޓްސަލް ކުޅެން ދޫކުރުމުން އެ ކުޅުންތެރީންނަށް ބައެއް ފަހަރު އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމުން އެކަމުގެ އަސަރު އެ ކުޅުންތެރީން ކުޅޭ ކްލަބަށް ކުރާ ކަމަށް ބައެއް ކޯޗުން ދަނީ ބުނަމުންނެވެ.

އެފްއޭއެމަށް ޓެކްނިކަލް ޑައިރެކްޓަރަކު ހަމަޖެއްސުމަށް މިއަދު ހެނދުނު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި، ފުޓްބޯޅަ ކުޅުންތެރީން ފުޓްސަލް ކުޅުމަށް ދޫކުރުމާ ގުޅޭގޮތުން އެފްއޭއެމްގެ ބަހެއް ހޯދުމަށް ނޫސްވެރީން ކުރި ސުވާލުގެ ޖަވާބުގައި، ބައްްސާމް ވިދާޅުވީ، އެއީ ހައްލުކުރާން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.

އެއްވަނަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރީން ފުޓްސަލް ކުޅެން ދާ މައްސަލައަކީ ބައެއް ކުލަބުތަކުން އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމެއް ކަމަށާއި އެކަމަށް އޮތް ހައްލެއްގެ ގޮތުން، މިހާރު ކުރިއަށްދާ ބައެއް ފުޓްސަލް މުބާރާތްތައް އޮފް ސީޒަންގައި ކުރިއަށް ގެންދެވޭނެ ގޮތެއް ވޭތޯ އެ މުބާރާތް ތައް އިންތިޒާމް ކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، ދިވެހި ކުޅުންތެރިންނަކީ ކޮންމެވެސް ވަޒީފާއެއްގައި އުޅެމުން އާމްދަނީ ހޯދަމުން އަންނަ ކުޅުންތެރީން ކަމަށާއި ވަޒީފާ ދޭއިރު ބައެއް ކުންފުނިތަކަށް ފުޓްބޯޅަ ކުޅެ ދިނުމަށް ޝަރުތުކޮށްފައި ވަޒީފާ ދީފައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ މިހާލަތަކީ ވަރަށް އުނދަގޫ ހާލަތެއް ކަަމަށާއި ނަމަވެސް މި ކަމަކީ ބަދަލު ތަކެއް ގެންނަން ޖެހޭ ކަމެއް ކަމަށެވެ.

"މިއީ ވަރަށް އުނދަގޫ ކަމެއް ކުއްލިއަކަށް ބަދަލުކުރަން. ނަމަވެސް އެބަޖެހޭ މި ކަމަށް ހައްލެއް ގެންނަން. އެފްއޭއެމްއިން ވަރަށް އަވަހަށް ފުޓްސަލް މުބާރާތް ތަކެއް މިދަނީ ރާވަމުން. މި މުބާރަތްތަކާ އެކު އެބަ ހަދަން ހާއްސަ ގަވައިދު ތަކެއް،" ބައްސާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ގަވައިދު ތަކުގެ ދަށުން، ފުޓްސަލް ކުޅޭ ކުޅުންތެރީންނަށް ފުޓްބޯޅަ ނުކުޅޭވޭނެ ކަމަށާއި އަދި ފުޓްބޯޅަ ކުޅޭ ކުޅުން ތެރީންނަށް ފުޓްސަލް ވެސް ނުކުޅެވޭނެ ކަމަށެވެ.

"ކުޅުންތެރީން އެބަޖެހޭ ޗޫޒް ކުރަން، އެ ކުޅުންތެރިއަކު ކުޅޭނީ ފުޓްބޯޅަ ތޯ ނޫނީ ފުޓްސަލް ތޯ. އަޅުގަނޑަށް ހީވަނީ މި ކަހަލަ ގަވައިދުތަކެއް ހަދައިގެން ކަންނޭނގެ މިކަމަށް ހައްލެއް ގެނެވޭނީ،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، މިކަމަށް ހާއްސަ ގަވައިދުތަކެއް، ކުރިއަށް އޮތް މަހެއް ނޫނީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހެދިގެން ދާނެ ކަމަށެވެ.