ކުޅަދާނަ ޑައިރެކްޓަރު އަބްދުލް ފައްތާހާއި ނިއުމާ މުހައްމަދު ގުޅިގެން ޕްރޮޑިއުސްކުރާ "ހައްދު"ގެ ކުރޫ ރ. ވާދޫ އަށް ހިނގައްޖެ އެވެ. އެއީ އެ ފިލްމުގެ މަންޒަރުތައް ނަގާ ތިންވަނަ މަންޒިލެވެ.

މަހުދީ އަހުމަދުގެ ސްކްރީން ޕްލޭ އަކަށް އޯކޭޒް އިންކްގެ ފަރާތުން އުފައްދާ "ހައްދު"ގެ ކުރޫ ވާދޫ އަށް ގޮސްފައި ވަނީ އިއްޔެ އެވެ. ވާދޫގައި ފިލްމުގެ ބޮޑު ބައެއް ޝޫޓް ކުރަން ވަނީ ހަމަޖެހިފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ރިލީޒްކުރި "އާދޭސް" އަށް ފަހު ފައްތާހު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމު "ހައްދު"ގެ ވިހި ޕަސެންޓް ވަނީ ޝޫޓް ކޮށް ނިމިފަ އެވެ. އެ ަމަންޒަރުތައް ނަގާފައި ވަނީ ހއ. އުތީމު އަދި ކެލާގަ އެވެ.

"ހައްދު"ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ފައުޒިއްޔާއާ އެކު ފައްތާހާއި ނިއުމާ---

"ސަން" އާ ވާހަކަ ދައްކަމުން ފައްތާހު ބުނީ، ވާދޫގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އޭރުން ފިލްމުގެ ބޮޑުބައެއް ޝޫޓްކޮށް ނިމުނީ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިކޮޅުގައި ނަގާ ބައިތައް ފަނަރަ ދުވަސް ތެރޭ ނިންމާފައި މާލެ ދާނެ. ވާދޫގައި ނަގާ މަންޒަރުތައް ނަގާ ނިމުނީމާ ފިލްމުގެ 60 ޕަސެންޓް ޝޫޓްކޮށް ނިމުނީ. ފިލްމު ވަރަށް ސަޅި ވާނެ،" ފައްތާހު ބުންޏެވެ.

އިއްޔެ ވާދު އަށް ދިޔަ "ހައްދު"ގެ ކުރޫގެ ތެރޭގައި ފިލްމުގެ ލީޑި ރޯލުން ފެނިގެންދާ ދެތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އަހުމަދު ޝިބާންގެ އިތުރުން މުހިއްމު ރޯލަކުން ފެނިގެންދާނެ އަލީ އާޒިމް(ދޮން އައްޔަ) އާއި ފައުޒިއްޔާ ހަސަން އަދި އުމަރު އަޝްފާގު ހިމެނެ އެވެ.

"ހައްދު"ގެ ލީޑު ރޯލުން ފެނިގެންދާނެ ތިން ތަރިން--

މި ތަރިންނާ އެކު ދެން ފިލްމުން ފެނިގެންދާނީ މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު (ދަރާ) އަދި އާރިފާ އިބްރާހީމް،މަރިޔަމް ހަލީމާއި އަދި އަލީ ފާރޫގް ފަދަ ތަޖުރިބާކާރު ތަރިންގެ އެކްޓިން އެވެ.

އިބްރާހީމް ވިސާން (ކަނޑި)ގެ ސިނަމަޓޮގްރަފީ ފެނިގެންދާ "ހައްދު"ގެ މަންޒަރުތައް މާލެ އާއި ރިސޯޓެއްގެ އިތުރުން ސަފާރީ އެއްގައި ވެސް ނަގަން ވަނީ ހަމަޖެހިފަ އެވެ.

އަހަރުގެ އެންމެ އުންމީދީ ފިލްމަކަށް ވާނެ ކަމަށް ބުނާ "ހައްދު"ގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ.