09 Apr 2017, 11:51
ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދަން އާސެނަލް ބޭނުން ނަމަ، އެޓީމަށް މޮޅެތި ކުޅުންތެރީން ހޯދައި ޓީމު ވަރުގަދަ ކުރަން ޖެހޭ ކަމަށް އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފި އެވެ.
އާސެނަލަށް އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރެވިފައި ވަނީ، 2003-04 ސީޒަންގަ އެވެ. އަދި ކޮންމެ ފަހަރަކު ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން އައި ނަމަވެސް، 2005-06 ސީޒަންގައި އެ މުބާރާތުގެ ފައިނަލަށް ދިއުމުގެ އިތުރުން އެވަރުގެ ކާމިޔާބީއެއް ވެސް ހޯދިފައެއް ނުވެ އެވެ.

އާސެނަލް އާއި ބޯންމައުތު ކުޅުނު މެޗެއްގައި އާސެނަލްގެ އޮޒިލް ބޯޅަ ހޯދަން މަސަތްކަތް ކުރަނީ --- ފޮޓޯ:އޭޕީ
އާސެނަލްގެ މިހާރުގެ ހާލަތު އޮތްގޮތުން ޓްރޮފީއަކަށް ވާދަކުރުމުގެ ގާބިލްކަން ވެސް ނެތުމަކީ، އޮޒިލް ފަދަ، އެޓީމުގެ މުހިއްމު ގިނަ ކުޅުންތެރީންގެ ހިތަށް ކެތްވާވަރު ކަމަކަށް ނުވެ އެވެ.
"އަހަންނަށް ހީވަނީ، ކްލަބަށް އެނގޭނެހެން މި ކްލަބް ވަރުގަދަ ކުރާން ޖެހޭކަން،" ޔޫރަޕްގެ ގަދަ ބާރުތަކާ ވާދަކުރާން ބޭނުން ވާނަމަ، ކްލަބު ވަރުގަދަކުރުމަށް ޚަރަދުވެސް ކުރަން ޖެހޭކަން ފާހަގަކުރަމުން އޮޒިލް ބުންޏެވެ.
"އެކަމަކު މިކަމުގައި އެންމެ މުހިއްމީ ކްލަބުގެ މެނޭޖަރު ނުވަތަ ކޯޗުގެ ޚިޔާލު. ކޯޗާ ކްލަބާ ގުޅިގެން ކަންކަން ނިންމާނީ."
"އަހަރެމެންގެ ސްކޮޑަށް ބަލާއިރު، މިއީ ބަޔާން މިއުނިކް، ނުވަތަ ރެއާލް މެޑްރިޑް ފަދަ ކްލަބްތަކާ އަޅާކިޔޭވަރެއް ނޫން. ޗެމްޕިއަންސް ލީގުގައި މިވަރަކުން ނުވާނެ. ޚާއްސަކޮށް ބޮޑެތި ކްލަބްތަކާ ވާދައެއް ނުކުރެވޭނެ. ސަބަބަކީ އެޓީމުތައް މާބޮޑަށް ވެސް ވަރުގަދައީ."

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލް ކުޅުނު މެޗެއްގެ ތެރޭން --- ފޮޓޯ: އޭޕީ
އޮޒިލް ބުނީ، އޭނާއަކީ ޓްރޮފީ ހޯދަން ވަރަށް ބޭނުން މީހެއް ކަމަށާއި، އަދި ޚާއްސަކޮށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރާން ބޭނުން ކަމަށެވެ. ކޮންމެ އަހަރަކު އެ ފުރުސަތު ލިބި އެހެން ނަމަވެސް، ބޮޑެތި ކްލަބުތަކުގެ އަތްދަށުވެ ބަލިވާން ޖެހުމަކީ އޭނާއަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެއްކަމަށް ޖަރުމަނުގެ ވޯލްޑް ކަޕް ތަރި ބުންޏެވެ.
"އަހަރެން އަބަދުވެސް ބޭނުންވޭ ބޮޑެތި މެޗުތަކުގައި ސްކޯކުރާން. އަދި އެކަމަށް އަހަރެން މަސައްކަތް ވެސް ކުރަން. އަހަރެން ބޭނުން ޗެމްޕިއަންސް ލީގު ހޯދަން،" އޮޒިލް ބުންޏެވެ.
އޭނާ ބުނީ، ކިތަންމެ ގިނަ ޓްރޮފީއެއް ލިބުނަސް ކުޅުންތެރިއަކު ހިތް ނުފުރޭނެ ކަމަށާއި އެގޮތުން އާސެނަލާ އެކު ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށް އޮޒިލް ބުންޏެވެ.
"މިއީ ބޮޑު ކްލަބެއް. ތަށި ހޯދުމުގެ ގާބިލްކަން އެބަހުރި. އަހަރެން އުންމީދުކުރަން މުސްތަގުބަލުގައި ރަނގަޅުވާނޭ ކަމަށް. އަހަރެންގެ ކޮންޓްރެކްޓްގެ ބާކީ އަދި އެއް އަހަރު އެބައޮތް. މި ކްލަބާއެކު އަހަރެން ބޭނުން ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގު ހޯދަން،"

އާސެނަލްގެ ޖާރމަން މިޑްފީލްޑަރު މެސުޓް އޮޒިލް އެ ކްލަބުގެ ކޯޗު އާސެން ވެންގާއާ ސަލާމްކުރަނީ. އޮޒިލް ވަނީ މި ސީޒަން ނިމުމުން އޭނާ އާސެނަލް ދޫކޮށްލާނޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައި، އެހެން ނަމަވެސް ފަހުން އޭނާ ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދާފައި -- ފޮޓޯ: ޑެެއިލީމެއިލް
އާސެނަލްއިން އޮޒިލްގެ ކޮންޓްރެކްޓް އާކުރުމަށް ނާކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިހާރު އުމުރުން 28 އަހަރުގެ އޮޒިލް ވަނީ، އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަން ދެކޮޅު ހަދައިފަ އެވެ.
"މިވަގުތު އެހެނިހެން ވާހަކަ ދެއްކޭކަށް ނެތް. އަހަރެން އެންމެ ބޮޑު އަހަންމިއްޔަތެއް ދޭ ކަމަކީ ފުޓްބޯޅަ. ޗެމްޕިއަންސް ލީގަށް ވާސިލްވުމަކީ އަހަރެމެންގެ އަޒުމެއް. އިތުރު ވާހަކަ ދައްކަން، ޖޫން މަހުގެ ތެރޭގައި ވަގުތު ލިބޭނެ،" އޮޒިލް ބުންޏެވެ.
ޕްރިމިއާ ލީގުގައި އާސެނަލް މިވަގުތު އޮތީ، އެޓީމު ކުޅުނު 29 މެޗުން ލިބުނު ޖުމުލަ 54 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސް ވަނައިގައެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމަށް އެޓީމުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.
އޮޒިލް ބުނީ، އާސެނަލްގެ ހުރިހާވެސް އުންމީދެއް ގުޅިފައި ވަނީ، ކްލަބުގެ ކޯޗު އާސެން ވެންގާގެ ނިންމުންތަކާ ކަމަށެވެ. އެގޮތުން ވެންގާއަކީ އޭނާއަށް އަދި ޚާއްސަކޮށް މުޅި އާސެނަލަށްވެސް ވަރަށް މުހިއްމު މީހެއްކަން އޮޒިލް ފާހަގަކުރިއެވެ.