09 Apr 2017, 11:45
ރިޔާދު(އޭޕްރިލް 9): ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދު ކައިރީގައި، މުނިފޫހިފިލުވުމުގެ ކަންތަކަށް ހާއްސަ ސިޓީއެއް ހަދަން ނިންމާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.
ސައުދީ އަރަބިއާގެ ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒު ވިދާޅުވި ގޮތުގައި 334 ސްކޮއާ ކިލޯމީޓަރުގެ ބިމެއްގައި ބިނާ ކުރާ އެސިޓީގައި ކުޅިވަރާއި ސަގާފީ ހަރަކާތްތައް ކުރިއަށް ދާނެ އެވެ. އެއީ މުޅި ދުނިޔެއިންވެސް އެފަދަ ފުރަތަމަ ސިޓީ ކަމަށް ސައުދީން ބުނެ އެވެ.
އަދި އެސިޓީގައި ސަފާރީ އާއި ތީމް ޕާކުތައް ހިމެނޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނާ އިރު ސިޓީ ބިނާ ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށައި، އޭގެ ފުރަތަމަ ސްޓޭޖް 2022 ވަނަ އަހަރަށް ނިމޭނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ޕްރިންސް ސަލްމާން ވިދާޅުވި ގޮތުގައި އެ މަޝްރޫއަކީ އެގައުމު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތަފާތު އިންވެސްޓްމެންޓުތައް އެގައުމަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި މަޝްރޫއެކެވެ. އަދި އެސިޓީ ބިނާ ކުރުމުން ގައުމުގެ އިގުތިސާދަށް މަންފާވެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ލިބޭނެ ކަމަށް ޕްރިންސް ސަލްމާން ވިދާޅުވި އެވެ. (ގަލްފްނިއުސް)