06 Jul 2011, 10:07
މިދިޔަ ސީޒަންގައި އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާއިން ހޯދުމަށް މަސައްކަތްކުރި ވިލަރެއާލްއަށް ކުޅެމުންދާ ޖިއުސެއްޕެ ރޮސީ އަންނަ ސީޒަންގައި ގެންދިއުމުގެ މަސައްކަތް އެނެއްކާވެސް ޓޮޓެންހަމް އިން ފަށައިފި އެވެ.
ޓޮޓެންހަމްގެ ކޯޗް ހެރީ ރެޑްނެޕް ބުނީ، ރޮސީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އެނާގެ ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ. އަދި ކުލަބާ އޭނާ ގުޅިއްޖެ ނަމަ ކުލަބަށް ވަރަށް ބޮޑު ހިތް ވަރެއް ލިބޭނެ ކަމަށް ވެސް ޓޮޓެންހަމްގެ ކޯޗް ރެޑްނެޕް ބުނެ އެވެ.
ރޮސީގެ ވާހަކަ ފެތުރިފައިވާއިރު، އޭނާގެ އެޖެންޓު ބުނެފައި ވަނީ، ރޮސީއަށް މަރުހަބާކިޔާ ބޮޑު ކްލަބަކުން ރަނގަޅު ހުށަހެޅުމެއް ހުށަހަޅއިފިނަމަ އެކްލަބަކަށް އޭނަ ދާނެ ކަމަށެވެ.
މިދިޔަ ސީޒަންގައި ޓޮޓެންހަމްއިން ރޮސީ ހޯދުމަށް 16 މިލިޔަން ޕައުންޑް ހުށަހެޅި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ވެފައެއް ނުވެއެވެ.
"ރޮސީއަކީ އަހަރެމެންގެ ޓްރާންސްފާ ލިސްޓުގެ ކުރީގައި އުޅޭ އެއް ކުޅުންތެރިއެއް. ރޮސީއަކީ ބޯޅަ ހިފަހައްޓާ، ގޯލާއި ރައްޓެހި ވިސްނުން ތޫނު މޮޅު ކުޅުންތެރިއެއް. މިދިޔަ އަހަރު ވެސް ރޮސީ ހޯދަން މަސައްކަތްކުރިން. އޭރު ވެސް ލިބުމާއި ވަރަށް ކައިރީގައި އުޅުނީ،" ޓޮޓެންހަމްގެ ކޯޗް ރެޑްނެޕް ބުންޏެވެ.
ކްލަބުން ރޮސީއަށް ހުށަހަޅާނެ އަގެއް ނޭނގޭ ކަމަށާއި އެކަން ނިންމާނީ ކްލަބުގެ ޗެއާމަންކަމަށް ވެސް ކޯޗް ރެޑްނެޕް ވަނީ ބުނެފައެވެ.
"ކްލަބުން ރޮސީއަށް ހުށަހަޅާނެ އަގެއް އަހަރެންނަކަށް ނޭނެގޭ. އެކަމަކީ ކްލަބްގެ މެނޭޖްމެންޓް އަދި ޗެއާމަން ޑެނިއަލް ލެވީގެ ކަމެއް. މޮޅެތި ކުޅުންތެރިން ލިބޭނީ ބޮޑު އަގު ކިޔައިގެން. އެންމެންވެސް ބޭނުންވާނެ މޮޅު ފޯވާޑުން." ކޯޗް ރެޑްނެޕް ބުންޏެވެ.
ރޮސީ ހޯދުމަށް މިދިޔަ ސީޒަން ނިމުނުތަނާހެން ބާސެލޯނާއިން ވެސް މަސައްކަތްކޮށްފައިވެ އެވެ. ބާސެލޯނާގެ އިތުރުން ޔުވެންޓަސްއިން މަސައްކަތްކޮށް ރޮސީއާއި ވާޙަކަދައްކަމުންދާކަމަށް ރޮސީ އެޖެންޓް އިއްޔެ މީޑިއާގައި ވަނީ ބުނެފައެވެ.
" ބޮޑު ކްލަބަކުން ރަނގަޅު ހުށަހެޅުމެއް ނުލިބޭނަމަ ރޮސީ މަޑުކުރާނީ ވިލަރެއާލްގައި" ރޮސީގެ އެޖެންޓް ބުންޏެވެ.