09 Apr 2017, 09:57
މިމަހުގެ 19 ވަނަ ދުވަހު ދުނިޔެއާ ވަރަށް ގާތުން ދަތުރުކުރާ އެސްޓްރޮއިޑެއް، އާންމުން ބޭނުންކުރާ އާދައިގެ ޓެލެސްކޯޕްތަކުން ފެންނާނެ ކަމަށާއި ނަމަވެސް އެ އެސްޓްރޮއިޓް ބިމުގައިޖެހި މުޑިއެރުމުގެ ފުރްސަތު ކުޑަކަމަށް ފަކަލީ ދިރާސާތައްކުރާ ފަރާތްތަކުން ބުނެފިއެވެ.
މިފަރާތްތަކާ ހަވާލާދީ ފަޒާއާބެހޭ އެމެރިކާގެ އިދާރާ (ނާސާ) އިން ބުނީ 2014 JO25 ގެ ނަމުން ނަންދީފައިވާ އެ އެސްޓްރޮއިޑް ދަތުރުކުރާނީ ބިމާ ގާތްގަނޑަކަށް 1.8 މިލިޔަން ކިލޯމީޓަރު ދުރުންކަމުގައެވެ. މިއީ ބިމާއި ހަނދާ ދެމެދުގައިވާ ދުރުމިނުގެ 4.6 ގުނައިގެ ދުރުމިނެކެވެ. މިހާ ދުރުން ދަތުރު ކުރިނަމަވެސް މިއެސްޓްރޮއިޑްގެ ނުރައްކާ ދުނިޔެއަށް އޮންނާނެ ކަމަށް ނާސާއިން ބުނެއެވެ.
މި އެސްޓްރޮއިޑް ނުވަތަ ޖައްވީ ހިލަގަނޑުގެ ވަށަމިނުގައި 650 މީޓަރު ހުންނައިރު މިއީ ބިމާ މިހާގާތުން ދަތުރުކުރާ އެންމެ ބޮޑު އެއް އެސްޓްރޮއިޑް ކަމަށް ނާސާއިން ބުނެއެވެ. ކުދިކުދި ހިލަގަނޑުތައް ބިމާ ގާތުން ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ދަތުރުކުރަމުން ދެއެވެ. ނަމަވެސް އެއީ ބިމުގައި ޖެހުނަސް ދުނިޔެއަށާއި އިންސާނުންނަށް ފަނާކުރަނިވި ގެއްލުމެއް ނުލިބޭ ފަދަ ކުދި ހިލަގަނޑު ތަކެކެވެ.
މިފަހަކަށް އައިއިސް ބިމާ ގާތުން ދަތުރުކުރި އެންމެ ބޮޑު އެސްޓްރޮއިޑަކީ "ޓޮޓާޓިސް" އެވެ. މިއީ ވަށަމިނުގައި 5 ކިލޯމީޓަރު ހުރި އެސްޓްރޮއިޑް އެކެވެ. މި އެސްޓްރޮއިޑް 2004 ވަނަ އަހަރު ދަތުރުކޮށްފައިވަނީ ގާތްގަނޑަކަށް އެއްމިލިޔަން ކިލޯމީޓަރު ދުރުންނެވެ. މިމަހުގެ 19 ވަނަ ދުވަހު ބިމާ ގާތުން ދަތުރުކުރާ 2014 JO25ގެ ނަމުން ނަންދީފައިވާ އެސްޓްރޮއިޑް، ސައެންސް ވެރިން ހޯދީ 2014 ވަނަ އަހަރުއެވެ.
އެއަށްފަހު ނާސާއިން ގެންދަނީ އޭގެ ހަރަކާތްތަކާއި ދުވެލި ދިރާސާކޮށް ބަލަމުންނެވެ. ނަމަވެސް އޭގެ ފިޒިކަލް ސިފަތައް ނުވަތަ ކެރަސްޓެރިސްޓްރިކްސް މިހާތަނަށްވެސް ދެނެގަނެވިފައެއް ނުވެއެވެ. 2014 JO25 މިމަހުގެ 19 ވަނަ ދުވަހު ބިމުގެ ކައިރިން ދަތުރުކުރުމަށްފަހު ދެން ބޮޑު އެސްޓްރޮއިޑެއް ދުނިޔެއާ އެންމެ ގާތުން ދަތުރުކުރާނީ 2027 ވަނަ އަހަރުއެވެ. 1999 AN10 ގެ ނަމުން ނަންދީފައިވާ މިދެންނެވި އެސްޓްރޮއިޑް ގެ ވަށަމިނުގައި 800 މީޓަރު ހުންނައިރު އޭތި ދަތުރުކުރާނީ ބިމާ ގާތްގަނޑަކަށް 380 ހާސް ކިލޯމީޓަރު ދުރުންނެވެ. (މައުލޫމާތު: ނާސާ)