އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީން އޭއެފްސީ ބޯންމައުތު ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ރޭ ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއެކުއެވެ. ބޯންމައުތު އޮތީ 35 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ވިކްޓަ މޮސެސް ދިން ބޯޅައަކުން ޑިއެގޯ ކޮސްޓާ ފޮނުވާލި ހަމަލާ، ބޯންމައުތުގެ ގޯލަށް ވަދެފައިވަނީ އެޓީމުގެ އެޑަމް ސްމިތުގެ ގައިގައި ޖެހިފައި ބައިކޮޅަށެވެ.

ޗެލްސީއަށް ލީޑު ލިބުނުތާ ތިން މިނެޓްފަހުން އެޓީމުގެ ދެވަނަ ލަނޑު ފެނިގެންދިޔައެވެ. އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައިވަނީ ޕޮލެންޑް ކީޕަރު އާޓުރް ބޮރޫޗް ކައިރިން ކަޓުވާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯންމައުތުން ވަނީ ލަނޑެއްޖަހައި ޗެލްސީން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ބެނިކް އަފޯބޭ ދިން ބޯޅައަކުން ބޯންމައުތަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިންގްއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

ޗެލްސީގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ޗެލްސީއަށް ލިބުނު ހިލޭ ޖެހުމަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް މާކޮސް އަލޮންސޯއެވެ. ހިލޭ ޖެހުމުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބޯންމައުތު ގޯލުގެ މަތީ ކަނަށެވެ.

އަލޮންސޯ ލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން އޭނާއަށް އިތުރު ލަނޑެއް ޖަހަން ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ހަޒާޑް ނަގައިދިން ހުރަހަކުން ބޯންމައުތުގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، އަލޮންސޯ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ދެވަނަ ހާފުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔައީ ޗެލްސީންނެވެ.