09 Apr 2017, 08:57
ކްލަބު މޯލްޑިވްސް ކަޕް 2017ގެ އަންހެން ބައި ކަމަށްވާ ވިމެންސް ފުޓްސަލް ފިއެސްޓާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އިމިގްރޭޝަން ހިފަހައްޓައިފިއެވެ.
ކުޅިވަރު އެކުވެނި ވެލިދަނޑުގައި ރޭ ކުޅުނު ވިމެންސް ފިއެސްޓާގެ 'ގްރޫޕް ސީ'ގައި އިމިގްރޭޝަނާއި އެމްޕީއެލްގެ ކުރިމަތިލުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގައި އިމިގްރޭޝަނާއި އެމްޕީއެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ އިމިގްރޭޝަންގެ އީރާން ގޯލްކީޕަރު އަޒަމް އަކޮންޑީ އަބަޑްޗީގެ ފަރާތުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާއެވެ. ޗެމްޕިއަން އިމިގްރޭޝަނާ ދެކޮޅަށް ކުޅުނު ނަމަވެސް، އެ މެޗުގައި އެމްޕީއެލް ޓީމު ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ.
މެޗުގައި އިމިގްރޭޝަން ޓީމުން އަންހެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރުފަތާއި ގައުމީ ޓީމުގެ ކެޕްޓަންކަން މިހާރު އަދާކުރަމުންދާ ފަދުވާ ޒާހިރު (ޗެނޭ) ފެނިގެންދިޔައެވެ. އެމްޕީއެލް ޓީމުން ވެސް ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ފެނިގެންދިޔައެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގައި އިމިގްރޭޝަނާއި އެމްޕީއެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިމިގްރޭޝަންގެ އިތުރުން އެމްޕީއެލް ޓީމުން ވެސް ބިދޭސީ ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. އެއީ ތައިލެންޑްގެ ގޯލްކީޕަރު ސަސިޕްރަފާ ސުކްސެންއާއި ޕްރަޕަސްޕޯން ސްރީރޯޖްއެވެ. އެ ދެ ކުޅުންތެރިންނަކީ ކުރިން ތައިލެންޑްގެ ގައުމީ ފުޓްސަލް ޓީމަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.
ވިމެންސް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ޓީމް ނަންބާސްގެ މައްޗަށް ކުރި ހޯދައި، ޓީމް އައިޖީއެމްއެޗް ވަނީ ފެށުން ރަނގަޅުކޮށްފައެވެ. ޓީމް ނަމްބާސް އަތުން 2-0 ލަނޑުގެ ނަތީޖާއަކުން ޓީމް އައިޖީއެމްއެޗް މޮޅުވި މެޗުގައި ޖެހި ދެ ލަނޑު ވެސް އައިޖީއެމްއެޗްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސާރާ މަރީހަބާއެވެ.
ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައިގެ ހަތަރު މެޗެއް މިއަދު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ 'ގްރޫޕް އޭ'ގެ މެޗަކާއި 'ގްރޫޕް ބީ'ގެ ދެ މެޗާއި 'ގްރޫޕް ސީ'ގެ މެޗެކެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގައި ޓީމް އައިޖީއެމްއެޗްއާއި ޓީމް ނަމްބާސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އައިޖީއެމްއެޗް މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ވިމެންސް ފުޓްސަލް ފިއެސްޓާގައި އާދީއްތަ ދުވަހު ކުޅޭ މެޗުތައް:
20:00- އެމްއޭސީއެލް – ޕޮލިސް ކްލަބު (ގްރޫޕް ބީ)
20:00- ފެހި ފަހި ކްލަބު – އޭޑަބްލިޔު އެފްޓީ (ގްރޫޕް ބީ)
21:05- ޓީމް ފެނަކަ – ދިވެހި ސިފައިންގެ ކްލަބު (ގްރޫޕް އޭ)
21:05- އެސްޓީއޯ ރެކްރިއޭޝަން ކްލަބު – ސްޓެލްކޯ ރެކްރިއޭޝަން ކްލަބު (ގްރޫޕް ސީ)
ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.
މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.