ކްލަބު މޯލްޑިވްސް ކަޕް 2017ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލްއިން ފެށުން ރަނގަޅުކޮށްފިއެވެ.

ކުޅިވަރު އެކުވެނި ވެލިދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ފެށި އެ މުބާރާތުގައި ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި އެމްއޭސީއެލްގެ މައްޗަށް ޔުނައިޓެޑް ބީއެމްއެލް ކުރި ހޯދާފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ކްލަބު މޯލްޑިވްސް ކަޕް 2017ގައި ޔުނައިޓެޑް ބީއެމްއެލްއާއި އެމްއޭސީއެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް ބީއެމްއެލް މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗުގައި ބީއެމްއެލް އަދި އެމްއޭސީއެލްގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުގައި ބީއެމްއެލްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހިމް (ސައްޓު)އެވެ.

ވާދަވެރި އެ މެޗުގައި ދެ ޓީމުން ވެސް ފާހަގަކޮށްލެވޭ ފުޓްބޯޅަ ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. ބީއެމްއެލް ޓީމުން ކްލަބު ވެލެންސިއާއަށް ކުޅެމުންދާ އިބްރާހިމް ހަމްދާން (މެސީ) ފެނިގެންދިޔައިރު، އެމްއޭސީއެލް ޓީމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ގައުމީ ޓީމަށް ކުޅެމުންދާ ހަމްޒާ މުހައްމަދު (ހަމްޕު) އަދި މުހައްމަދު ރަޝީދު (ހޮކޭ) ފެނިގެންދިޔައެވެ.

ކްލަބު މޯލްޑިވްސް ކަޕް 2017ގައި ޔުނައިޓެޑް ބީއެމްއެލްއާއި އެމްއޭސީއެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް ބީއެމްއެލް މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭގެ އިތުރުން ކުރިން ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ފެނުނު އަހްމަދު ނިޝާން (ކާނޫ)އާއި އިބްރާހިމް ފުރުގާން (ފުގޭ) ވެސް އެމްއޭސީއެލް ޓީމުގައި ހިމެނެއެވެ. މެޗުން ބަލިވި އެމްއޭސީއެލްގެ ކޯޗަކީ ކުރިން ނިއުއަށް އިރުޝާދުދިން އިސްމާއިލް އަނިލްއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ 'ގްރޫޕް އޭ'ގެ އިތުރު މެޗެއް ވެސް ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނެވެ. ހެލްތު ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅެ، 5-1 ލަނޑުގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކޮށްފައިވަނީ މޯލްޑިވް ގޭސްއެވެ.

ކްލަބު މޯލްޑިވްސް ކަޕް 2017ގައި މޯލްޑިވް ގޭސްއާއި ހެލްތު ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޯލްޑިވް ގޭސް މޮޅުވީ 5-1 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗުގައި މޯލްޑިވް ގޭސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ރިފާއު (އަސްކާ)އާއި، ހަސަން ސިފާއު އަދި އާދަމް ފަޒީހު މަންސޫރު (ފަޒިއްކޮ)އެވެ. އޭގެ ތެރެއިން އަސްކާއާއި ފަޒިއްކޮ، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރިއެވެ. ހެލްތު ރެކްރިއޭޝަން ކްލަބުގެ ލަނޑަކީ މޯލްޑިވް ގޭސްގެ އަލީ ނާޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި އާދީއްތަ ދުވަހުގެ ރޭ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މޯލްޑިވިއަންއާ ދެކޮޅަށް ދިވެހި ސިފައިންގެ ކްލަބު ނުކުންނައިރު، ތައުލީމީ ގުޅުން ނުކުންނާނީ ޕްރިސަން ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. 'ގްރޫޕް ބީ'ގައި ކުޅޭ އެ ދެ މެޗު ވެސް ފެށޭނީ ރޭގަނޑު 10:10ގައެވެ.

ކްލަބު މޯލްޑިވްސް ކަޕް 2017ގައި މޯލްޑިވް ގޭސްއާއި ހެލްތު ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޯލްޑިވް ގޭސް މޮޅުވީ 5-1 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.

މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.