މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ އަށެއްގެ ވަރުގަަދަ ކުރިމަތިލުންތަކަކަށް ފަހު އެ މުބާރާތުގައި މިހާތަނާ ޖެހެންދެން ހުރި ހަމައެކަނި އަންހެން ބައިވެރިޔާ އައިޝަތު ޖައިޝާ އާއި އެކު އަހުމަދު ފަރަޝް ވެސް އައިޑޮލް އިން ވަކިވެއްޖެއެވެ.

ރޭގެ ޝޯގެ ލަވަތައް ބެލެނިވެރިންނަށް ހާއްސަ ކޮށްފައިވާއިރު މިރޭގެ ޝޯ ހާއްސަ ކޮށްފައިވަނީ ސަގާފީ ބޮޑުބެރަށެވެ. މިރޭ އައިޑޮލް އިން ވަކިވެގެން ދިޔަ ދެ ބައިވެރިންވެސް ވަނީ ފޯރިގަދަ ލަވަތަކެއް ހުށަހަޅައިދިނުމަށްފަހު ބެލުންތެރިންގެ ލޭ ކައްކުވާލާފައެވެ.

އައިޑޮލްގެ ގަދަ ހަޔަކަށް ނުގޮސް މުބާރާތުން ވަކިވާން ޖެހުނު ޖައިޝާ---

ގަދަ ހަޔަކަށް ދަތުރު ނުކޮށް އައިޑޮލްގެ ދަތުރު ނިންމާލަން ޖެހުނު ޖައިޝާ އަކީ އޮޑިޝަނާ ހަމައިންވެސް ޖަޖުން އޭނާގެ އަޑުގެ ޖާދޫގައި ޖެއްސި ބައިވެރިޔެކެވެ. ގަދަ ދިހަ އަކާ ހަމައިން ހަމަ އެކަނި އަންހެން އަޑަކުން ސްޓޭޖް ފަޅުވިލުވާލަދިން ޖައިޝާ އަށް ވަނީ މީގެ ކުރިން ޖަޖުންގެ ރަނގަޅު ކޮމެންޓް ތަކެއް ލިބިފައެވެ.

މިރޭ އައިޑޮލް އިން ވަކިގެން ދިޔަ ދެވަނަ ބައިވެރިޔާ ފަރަޝް އަކީ ވެސް ޖަޖުންގެ ފަރާތުން ރަނގަޅު ކޮމެންޓް ތަކެއް ލިބެމުން، ކުރިއަރަމުން އައި ބައިވެރިޔެކެވެ.

އެ ދެބައިވެރިން މިރޭ އައިޑޮލްގެ ދަތުރު ނިންމާލަން ޖެހުނީ ރޭގެ ދެއްކި ހުށަހެޅުމަށް ޖަޖުންގެ މާކުހާއި ބެލުންތެރިންގެ ވޯޓް އެއްކޮށްލުމުން އެންމެ މަދުން މާކުސް ލިބުމުންނެވެ.

އައިޑޮލްގެ ގަދަ ހަޔަކަށް ނުގޮސް މުބާރާތުން ވަކިވާން ޖެހުނު ފަރަޝް---

ބޮޑު ބެރަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދިޔަ މިރޭގެ ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ރާއްޖޭގައި ހުރި މަޝްހޫރު ބޮޑުބެރު ލަވަކިޔުންތެރިޔާ އިބްރާހީމް މަމްދޫހް (މަންޑޭ) އެވެ.

މިރޭގެ ޝޯގައި މަންޑޭ ވަނީ ފޯރިގަދަ ލަވައެއް ހުށަހަޅަދީފައެވެ. ޝޯގެ ފޯރި ދެން އެންމެ ގަދަ ވެގެން ދިޔައީ ހުރިހާ ޖަޖުންނާއި މަންޑޭ އަދި ޝޯ ހުށަހަޅައިދޭ މޫސާ ވަސީމް އަދި ލަމްހާ ލަތީފް ދައްކާލި ބޮޑުބެރު ޕާފޯމެންސް އިންނެވެ.

އައިޑޮލްގެ ގަދަ ހައެއް ހޮވުމަށް ބޭއްވި އެލިމިނޭޝަން ނައިޓްގެ ތެރެއިން---

ފޯރިގަދަ ހުށަހެޅުންތަކަށްފަހު އައިޑޮލްގެ ގަދަ ހަޔަކަށް ދަތުރު ކޮށްފައިވަނީ، އިބްރާހިމް ވަހީދު (ބޮޑުބެ)، މުހައްމަދު ތަސްނީމް (ބޮބް)، ޝަމްވީލް މުހައްމަދު، އަހްމަދު ނަބީލް، ހަމޫދު އަހްމަދު އަދި އަބްދުﷲ ހިޝާނެވެ.