06 Jul 2011, 09:12
ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓޭރިއެޓަށް ހުރަސް އަޅުއްވައި މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދަށް ބިރު ދައްކަވަމުން ގެންދަވާތީ، ޖަލްސާ ކުރިއަށް ގެންދެވޭވަރު ނުވެގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު ޒެޑްޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ، ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދު ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވަމުން ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ބަހާލާނެގޮތް ފާސްކުރަން ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ގަވާއިދާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށެވެ. އަދި އެ ޖަލްސާގައި ކޮމިޓީތަކަށް މެންބަރުން ބަހާފައި ވަނީ ޕާޓީތަކުގެ ލީޑަރުންނާ ވާހަކަދައްކާފައިވާ ގޮތަށްނޫން ކަމަށާއި އެހެންކަމުން ކޮމިޓީތައް އަލުން އެކުލަވައިލުމަށް ވެސް މަޖިލީހުގެ ރައީސްގެ އަރިހުން އެ މެންބަރުން އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ޖަލްސާގެ އެޖެންޑާއާއިގެން ކުރިއަށް ވަޑައިގެންނެވި އެވެ. އެގޮތުން ރާއްޖޭގައި ފެތުރެމުންދާ ޑެންގީހުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުމަށް ލާޒިމްކޮށް ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދަށް ފުރުސަތު ދެއްވި އެވެ.
މިއަދުގެ ޖަލްސާގައި މައްސަލަ އިތުރަށް ގޯސްވީ، ރިޔާޒު ރަޝީދު ކުއްލި މައްސަލަ ހުށަހެޅުއްވުމުން އެ މައްސަލައަށް ބަހުސް ކުރެއްވުމަށް ފެނިވަޑައިގަންނަވާތޯ ބެއްލެވުމަށް ވޯޓަށް އެހުމުގެ ކުރިން ދިން ހުސް ވަގުތުކޮޅުގެ ތެރޭގަ އެވެ. އެ ވަގުތުކޮޅުގެ ތެރޭގައި، ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން މުހައްމަދާއި، ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދާއި ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު މަޖިލީހުގެ ސެކްރެޓޭރިއެޓްގެ ކުރިމައްޗަށް ވަޑައިގެން ރޭގެ ޖަލްސާއަކީ ޣައިރު ގާނޫނީ ޖަލްސާއެއް ކަމަށް ވިދާޅުވެ އަޑު ގަދަ ކުރައްވަން ފެއްޓެވި އެވެ. އަދި ސެކްރެޓޭރިއެޓްގެ ކުރިމަތިން މެންބަރުން ދުރަށް ވަޑައިގެންނެވުމަށާއި، މަޖިލީހުގެ އަމީން އާމަށް ބިރު ދެއްކެވުމުގެ އެއްވެސް އަމަލެއް ނުހިންގެވުމަށް އެ މެންބަރުންނަށް ރިޔާސަތުން އިންޒާރު ދެއްވި ނަމަވެސް އެކަމަށް މެންބަރުން ކިޔަމަންވެ ވަޑައި ނުގެންނެވުމުން، 9:14 ގައި ޝާޙިދު ޖަލްސާ ނިންމަވައިލެއްވި އެވެ.
ޖަލްސާ ނިންމަވާލައްވަމުން ޝާހިދު ވިދާޅުވީ "ސެކެއްޓޭރިއެޓަށް މެންބަރުން ހުރަސްއަޅުއްވަމުން ގެންދަވާތީ ޖަލްސާ ކުރިއަށް ގެންދޭވެނެ ކަމަކަށް ފެނިވަޑައިނުގަންނަވާތީ، މިއަދުގެ ޖަލްސާ ނިންމަވާލެއްވީ" ކަމަށެވެ. އަދި ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މިއަހު 11 ވނަދު ދުވަހުކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ބަހައިލުމުގެ މައްސަލައިގައި ގިނަ ދުވަސް ތަކެއްގެ ވާހަކަ ދެއްކުން ތަކަކަށްފަހު، ރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އެ ޖަލްސާގައި ކޮމިޓީތަކަށް މެންބަރުން ބަހާނެގޮތް ކަނޑައަޅައި ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ރޭގެ ޖަލްސާގައި ކުރިއަށްދިޔަ ކަންތައްތަކާ ވެސް ޒެޑްފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނާއި ގައުމީ ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރުން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.