08 Apr 2017, 23:26
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޓޮޓެންހަމް ހޮޓްސްޕާއާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި މިރޭ ވެޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމް މޮޅުވީ ފަސޭހަކަމާއެކު 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްއިން ތިން ލަނޑުގެ ލީޑެއް ނެގިއެވެ. މެޗުގެ 33 ވަނަ މިނެޓުގައި ހިޔުންގް މިން ސޮން ދިން ބޯޅައަކުން ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ޑެލޭ އަލީ ކާމިޔާބުކޮށްދިންއިރު، މެޗުގެ 39 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެރިކް ޑަޔާއެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކްރިސްޓިއަން އެރިކްސަން ދިން ބޯޅައަކުން ޓޮޓެންހަމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސޮންއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ވެޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފުގައި ވެސް ޓޮޓެނަހްމްއިން މޮޅު ކުޅުމެއް ދައްކައި، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. މެޗުގެ 54 ވަނަ މިނެޓުގައި ކިއެރެން ޓްރިޕިއާ ދިން ބޯޅައަކުން ޓޮޓެންހަމްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސޮންއެވެ.
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސިޓީ ވަނީ 3-1 ލަނޑުގެ ނަތީޖާއަކުން ހަލް ސިޓީ ބަލިކޮށްފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި އަހްމަދު އެލް މޮހަމަދީ އަތުން ބައިކޮޅަށް ވަން ލަނޑުން ސިޓީން ފުރަތަމަ ހާފު ނިންމާލީ 1-0 ލަނޑުން ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ހަލް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މެންޗެސްޓާ ސިޓީ މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ 48 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑު ސާޖިއޯ އަގުއެރޯ ކާމިޔާބުކޮށްދިންއިރު، މެޗުގެ 64 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފަބިއަން ޑެލްފްއެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ހަލްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަންދްރޭ ރޮނަޗިއާއެވެ.
ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލް ވަނީ ސްޓޯކް ސިޓީގެ މައްޗަށް ފަހަތުންއަރައި ކުރި ހޯދައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސްޓޯކްއަށް ލީޑު ހޯދައިދިނީ ޖޮނަތަން ވޯލްޓާސްއެވެ. މެޗުގެ 70 ވަނަ މިނެޓުގައި ލިވަޕޫލަށް ފިލިޕް ކުޓީނިއޯ ނަތީޖާ ހަމަހަމަކޮށްދިންއިރު، އޭގެ ދެ މިނެޓްފަހުން ލިވަޕޫލަށް ލީޑު ހޯދައިދިނީ ރޮބާޓޯ ފާމީނޯއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ސްޓޯކް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލިވަޕޫލް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ
އެ ނަތީޖާތަކާއެކު ޕްރިމިއާ ލީގު ތާވަލުގެ ގަދަ ހަތަރަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ތާވަލުގެ އެއްވަނައިގައި އަދިވެސް ޗެލްސީ އޮތްއިރު، ދެވަނައިގައި އޮތީ ޓޮޓެންހަމްއެވެ. ލިވަޕޫލް ތިންވަނައިގައި އޮތްއިރު، ހަތަރުވަނައިގައި އޮތީ ސިޓީއެވެ.