ކުލަގަދަ ރަސްމިއްޔާތަކާއެކު ރާއްޖޭގައި މެދުކެނޑުމެއް ނެތި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް ފަށައިފިއެވެ.

ކުޅިވަރު އެކުވެނި ވެލިދަނޑުގައި މިރޭ ބޭއްވި ކްލަބު މޯލްޑިވްސް ކަޕް 2017ގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)އެވެ.

ކްލަބު މޯލްޑިވްސް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މެޑަމް ފާތުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޮފީސް އަދި ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ އެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ފުރަތަމަ ދައްކާލާފައި ވަނީ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ޖާޒީތަކާއި މެޗު އޮފިޝަލުންގެ ޖާޒީތަކެވެ. އެ ރަސްމިއްޔާތު ކުރިއަށް ދިޔައީ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައެވެ.

ރަސްމިއްޔާތުގައި ކުޅިވަރު ކުރިއެރުވުމަށް މެޑަމް ފާތުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރެއްވުމުގެ ގޮތުން ކްލަބު މޯލްޑިވްސް ފަރާތުން ވަނީ އެކަމަނާއަށް ހަނދާނީ ފިލާއެއް އަރުވައިފައެވެ. މެޑަމް ފާތުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ކްލަބު މޯލްޑިވްސް ޗެއާމަން މޫސާ ރަމީޒެވެ.

ކްލަބު މޯލްޑިވްސް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މެޑަމް ފާތުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އެ މުބާރާތުގައި ޓީމުތަކަށް ކުޅޭ ބިދޭސީ ކުޅުންތެރިން ވެސް ވަނީ ދައްކާލައިފައެވެ. އޭގެ ތެރޭގައި ތައިލެންޑްގެ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭއިރު، ބްރެޒިލާއި އީރާން އަދި އޮސްޓްރޭލިއާގެ ކުޅުންތެރިއެއް ވެސް ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ފިރިހެން ބައިގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް އާއި އެންމެ ފަހުގެ އަންހެން ބައިގެ ޗެމްޕިއަން ކްލަބު އިމިގްރޭޝަނަށް ވަނީ ބެޖް ހަވާލުކޮށްފައެވެ. އެ ދެ ޓީމަށް ބެޖް ހަވާލުކޮށްދެއްވީ މެޑަމް ފާތުންނެވެ.

ކްލަބު މޯލްޑިވްސް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މެޑަމް ފާތުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި މިރޭ ފިރިހެން ބައިގެ ފުރަތަމަ ދެ މެޗާއި އަންހެން ބައިގެ ފުރަތަމަ ދެ މެޗު ކުރިއަށްދާނެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.

މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

ކްލަބު މޯލްޑިވްސް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މެޑަމް ފާތުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕް:

ގްރޫޕް އޭ- ހެލްތު ރެކްރިއޭޝަން ކްލަބު، މޯލްޑިވް ގޭސް، އެމްއޭސީއެލް، ޔުނައިޓެޑް ބީއެމްއެލް.

ގްރޫޕް ބީ- ޕްރިސަން ރެކްރިއޭޝަން ކްލަބު، ތައުލީމީ ގުޅުން، ދިވެހި ސިފައިންގެ ކްލަބު، މޯލްޑިވިއަން.

ގްރޫޕް ސީ- ކްލަބު އިމިގްރޭޝަން، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ކްލަބު ތިލަފުށި ކޯޕަރޭޝަން، އެލައިޑް.

ގްރޫޕް ޑީ- ކްލަބު އެމްޓީސީސީ، އެމްޑަބްލިޔުއެސްސީ، ޓީމް އެފްއެސްއެމް، އެމްޕީއެލް.

ގްރޫޕް އީ- އެމްއެންޔޫ ސްޓާފް ކްލަބު، ކްލަބު ވެމްކޯ، ކްލަބު އެމްއާރްޑީސީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު.

ގްރޫޕް އެފް- ޓީމް ފެނަކަ، ޕޮލިސް ކްލަބު، އެޗްޕީއެސްއެން، މޯލްޑިވްސް މީޑިއާ ކްލަބު.

ގްރޫޕް ޖީ- ސިވިލް ކޯޓް، ޓީމް މެޑް، ކްލަބު އެމްވައިއެސް، ހައުސިން.

ގްރޫޕް އެޗް- ކްލަބު އެޗްޑީސީ، ކަސްޓަމް ރެކްރިއޭޝަން ކްލަބު، ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބު، ކްލަބު އާސަންދަ.

18/30ވިމެންސް ފުޓްސަލް ފިއެސްޓާ:

ގްރޫޕް އޭ- ޓީމް ފެނަކަ، ދިވެހި ސިފައިންގެ ކްލަބު، ޓީމް އައިޖީއެމްއެޗް، ޓީމް ނަމްބާސް، ތައުލީމީ ގުޅުން.

ގްރޫޕް ބީ- އެމްއޭސީއެލް، ޕޮލިސް ކްލަބު، ފެހި ފަހި ކްލަބު، ޓީމް އޭޑަބްލިޔުއޭ، އުރީދޫ.

ގްރޫޕް ސީ- ކްލަބު އާސަންދަ، ކްލަބު އިމިގްރޭޝަން، އެމްޕީއެލް، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު.