08 Apr 2017, 21:56
ސައުދީ އަރަބިއްޔާގެ ވެރިރަށް، ރިޔާދުގައި ބާއްވާ "ރިޔާދު ޓްރެވަލް ފެއާ" ދިވެހި ނުވަ ކުންފުންޏަކާ އެކު ފަށައިފިއެވެ.
އެ ކުންފުނިތަކުން އެ ފެއާގައި ބައިވެރިވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) މެދުވެރިކޮށެވެ. މިއީ މަޓާޓޯއިން އެ ފެއާގައި ބައިވެރިވާ ދެވަނަ ފަހަރެވެ.
މާދަމާގެ ނިޔަލަށް ބާއްވާ އެ ފެއާ އަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފެއާ އެކެވެ. މިއަހަރު ބާއްވާ އެ ފެއާ ވެގެންދާނީ ރިޔާދު ޓްރެވަލް ފެއާގެ ނުވަ ވަނަ ފެއާ އަށެވެ. ރާއްޖެ އިސްތިހާރު ކުރުމަށްޓަކައި މަޓާޓޯއިން އެ ފެއާގައި ބައިވެރިވެފައިވާއިރު މިއަހަރުގެ ތެރޭގައި ބައިނަލް އަގުވާމީ އިތުރު ހަތް ފެއާއެއްގައި ބައިވެރިވާން މަޓާޓޯއިން ވަނީ ނިންމާފައެވެ.
ރިޔާދު ފެއާގައި މެދު އިރުމަތީގެ ޓްރެވަލް ކުންފުނިތަކާއި، ސައުދީ އަރަބިއްޔާގެ ކުންފުނިތަކުގެ އިތުރުން ބައިނަލް އަގުވާމީ އެކި ފަރާތްތަކުން ބައިވެރިވާނެ އެވެ. އެ ފެއާ ފާހަގަކުރެވެނީ ޓްރެވަލް އިންޑަސްޓްރީގެ ގިނަ ފަރާތްތަކެއް އެއްތަންވެ، ވަކި ވަކި ކުންފުނިތަކުގެ ޕްރޮޑަކްޓުތައް ލޯންޗު ކުރާ ޕްލެޓުފޯމެއްގެ ގޮތުގައެވެ.
މަޓާޓޯއިން ބުނި ގޮތުގައި މިއަހަރު އެ ފެއާގައި ބައިވެރިވާން ނިންމީ، ކުރީ އަހަރުގެ ކާމިޔާބީއަށް ބަލައި، ރާއްޖޭގެ ޓޫރިޒަމަށް މެދު އިރުމަތީ ގައުމުތަކުގެ ފަތުރުވެރިންގެ މެދުގައި މާކެޓު ކުރުމަށެވެ.