08 Apr 2017, 21:20
ކެރެލާގައި އިންސާނުންނާއި ކުއްތާތަކެއްގެ ފެށިގެން އުޅޭތާ ގާތްގަނޑަކަށް އަށް ވަރަކަށް މަސް ވެއްޖެ އެވެ. ބައިގަނޑު ހަދައިގެން ކުއްތާތައް ކުރާ ކަމަކީ މަގުމަތިން ފެންނަ މީހުންނަށް ހަމަލާ ދެނީ އެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނެވެ. ކުއްތާތަކުގެ ޝިކާރައަކަށްވެ، އަނެއްކާވެސް މިވަނީ ދުވަސްވީ މީހަކު މަރުވެފައެވެ.
އާންމުކޮށް މަގުތަކުން ފެންނަ "ސްޓްރޭ ޑޯގް"ގެ ބައިގަނޑަކުން މީގެ އަށްވަރަކަށް މަސްކުރިން ފުރަތަމަ ދިން ހަމަލާގައި މަރާލީ 50 އަހަރުގެ އަންހެނެކެވެ. އޭނާ މަރާލީ ގެއާ ތަންކޮޅެއް ދުރުގައި ހުރި ފާހާނާ އަކަށް ފެންބަލައި ދަނިކޮށެވެ. އޭނާއަށް ކުއްތާތައް ހަމަލާދޭތަން އޭނާގެ ދަރިފުޅަށް ފެނުނެވެ. އަދި ދަރިފުޅު ބިރުން ހަޅޭއްލަވައިގަތް އަޑަށް ކުއްތާތައް އޭނާއާ ވެސް ދިމާކުރިއެވެ.

އެ އަންހެން މީހާގެ މަރަށްފަހު، ކެރެލާގެ ގިނަ ބަޔަކަށް ވަނީ ބިރުވެރިކަން ކުރިމަތިވެފައެވެ. އެ ބިރުވެރިކަމާ އެކު ނިކުމެ ކުއްތާތައް ހިފައި ހައްޔަރުކުރުމުގެ މަސައްކަތް އެއިރުއްސުރެ ފެށިގެން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ގާތްގަނޑަކަށް 100 ވަރަކަށް ކުއްތާ މިހާރުވެސް މަރާލާފައިވާ އިރު އަދިވެސް އެ ކުރިމަތިލުމަށް ނިމުމެއް ނާދެ އެވެ.
ވޭތުވެދިޔަ އަށްމަސް ތެރޭގައި އެ އަންހެންމީހާގެ އިތުރުން 65 އަހަރުގެ އަންހެނަކާއި 40 އަހަރުގެ އަންހެނަކާ އެކު ޖުމްލަ ތިން މީހަކު މަރާލާފައިވާ އިރު އިއްޔެގެ ވަގުތެއްގައި 85 އަހަރުގެ ފިރިހެނަކަށް މިވަނީ ކުއްތާތައް ހަމަލާދީ މަރާލައިފައެވެ. އަދި މިދިޔަ އަހަރު ފަހުކޮޅު، ދުވަސްވީ މީހެއް އޭނާ އުޅޭ ގޭ ކުރިމަތީ ހުރި އަށްޓެއްފަދަ ތަނެއްގައި ނިދާފައި އޮއްވައި ގާތްގަނޑަކަށް 10 ވަރަކަށް ކުއްތާ ހަމަލާދީގެން އޭނާއަށް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ. ނަމަވެސް އޭނާ ވަނީ ސަލާމަތްކޮށްފައެވެ.

އިންޑިއާގެ ފުލުހުން އެގައުމުގެ ނޫސްތަކަށް ބުނާގޮތުން، އިއްޔެގެ ވަގުތެއްގައި ކުށްތާތަކުގެ ޝިކާރައަކަށްވެ، މަރުވި އެ ފިރިހެންމީހާ ދިޔައީ ހެނދުނު 9:00 ހާއިރު ބޯކޮށާށެވެ. އަދި އިރުއޮއްސުނު އިރުވެސް އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން އޭނާ ހޯދަން ނިކުމެ އުޅެނިކޮށް ރޭގެ ލަސްވަގުތެއްގައި އޭނާ ފެނުނީ ކުއްތާތަކެއް ހަމަލާދީ މަރާލާފައި ވަނިކޮށް ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ރޭ މަރުވެފައި އޮތް ފިރިހެން މީހާގެ މޫނާއި އަތަށް ކުއްތާތައް ވަނީ ހަމަލާދީ ބައެއް ތަންތަނުން މަސްތައް ކައިފައެވެ.

ކުއްތާތަކުގެ މި ކުރިމަތިލުން ހުއްޓުވުމަށް ކެރެލާގެ ފުލުހުންނާއި އާންމުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ދޭތެރެ ދޭތެރެއިން ކުއްތާތަކުގެ އުނދަގޫ ދަނީ ކެރެލާގައި ބޮޑުވަމުންނެވެ. ދެހާސްތޭރަ ވަނަ އަހަރުން 2016 ވަނަ އަހަރަށް އެ ގައުމުގައި ކުއްތާތައް ދަތް އެޅުމުގެ ތިން ލައްކައަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވެ އެވެ.