06 Jul 2011, 08:32
ކޮޅުނބު : ސްރީލަންކާގެ ދާޚިލީ ހަނގުރާމަ އެންމެ ބޮޑަށް ހިނގި އެޤައުމުގެ އުތުރުގެ ސަރަޙައްދުތަކަށް ވަދެނުކުމެ އުޅުމަށް ހުއްދައެއް ނަގަންނުޖެހޭ ގޮތަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސްރީލަންކާގެ އިންފޮރމޭޝަން ޑިޕާޓްމަންޓުން ނެރުނު ބަޔާނެއް ބުނިގޮތުގައި ދާޚިލީ ހަނގުރާމަ އެންމެ ބޮޑަށް ހިނގި ސަރަޙައްދުތަކަށް ވަދެ ނުކުމެ އުޅުމަށް ބޭރުމީހުންނާއި ބޭރު ޤައުމުތަކުގެ ޕާސްޕޯޓް ގެންގުޅޭ އެޤައުމުގެ ރައްޔިތުން މީގެ ފަހުން ހުއްދައެއް ނަގާކަށް ނުޖެހޭނެއެެވެ.
ކުރިން އެސަރަޙައްދުތަކަށް ވަނުމަށް ބޭނުންވާ ސްރީލަންކާގެ ރައްޔިތުން ފިޔަވައި ބޭރުމީހުންނާއި ބޭރުގެ ޕާސްޕޯޓް ގެންގުޅޭ ސްރީލަންކާ ދަރިކޮޅުގެ މީހުން އެޤައުމުގެ ދިފާޢީ ވުޒާރާއިން ޚާއްސަ ހުއްދައެއް ނަގަންޖެހެއެވެ. މީގެތެރޭގައި ބޭރުގެ ނޫސްވެރިންވެސް ހިމެނެއެވެ.
ހުއްދަ އުވާލުމުގެ ބޭނުމަކީ ހަނގުރާމަ ހިނގި ސަރަޙައްދުތަކުގައި ސަރުކާރުން ސިއްރުކުރަން ނޫނީ ފޮރުވަން ބޭނުންވާ ކަމެއް ނެތްކަން ދުނިޔެއަށް ހާމަކޮށްދިނުން ކަމަށް ސްރީލަންކާގެ ބައެއް ނޫސްތައް ބުނެއެވެ.
އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ގެންދަނީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސްރީލަންކާ ސިފައިން ހިންގި އެންމެ ފަހުގެ ޢަސްކަރީ އޮޕަރޭޝަންތަކުގައި ޓައިގަރު ހަނގުރާމަ ވެރިންނަށާއި އެމީހުންނަށް ތާއީދުކުރާ ތަމަޅަ ޢާންމުންނާ ދެކޮޅަށް ސްރީލަންކާ ސިފައިން އިންސާނއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށްބުނެ އެކަމަށް ޖަވާބު ދާރީ ވުމަށް ސްރީލަންކާ ސަރުކާރަށް ފިއްތުންތައް ކުރަމުންނެވެ.
ނަމަވެސް ސްރީލަންކާ ސަރުކާރުންވަނީ ބޭރުގެ ފިއްތުންތަކަށް ބޯނުލަނބާނެކަމަށް ބުނެފައެވެ. (ބީ.ބީ.ސީ)