ވިދިވިދިގެން ފަސް އަހަރު ދުވަސްވަންދެން، ބޭނުންނުކޮށް ނުވަތަ މުއާމަލާތެއް ނުހިންގާ ހުރި 819 އެކައުންޓެއް ބަންދު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ނިންމައިފިއެވެ.

އެ ބޭންކުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުޢާމަލާތެއް އެކައުންޓްގެ ވެރިފަރާތުން ހިންގާފައި ނުވާ ކަމަށް އެ ބޭންކުގެ ރެކޯޑްތަކުން ނުދައްކާ ހުރިހާ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް އެކައުންޓާމެދު ޢަމަލުކުރަންވީ ގޮތެއް ބޭންކަށް އެންގުމަށް މުހުލަތެއް ދީ، އެ ކަސްޓަމަރުންނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އަދި އެ ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ، ބޭންކުން އެފަރާތްތަކުގެ ނަން ޑޯމަންޓް އެކައުންޓް ލިސްޓުގައި ހިމަނައި، ގެޒެޓުގައި ޝާއިއުކުރުމަށްފަހު، ޝާއިއު ކުރެވޭތާ 60 ދުވަސްފަހުން އެ އެކައުންޓްތައް ބަންދުކުރެވި އެކައުންޓުތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލު ކުރުމުގެ ގާނޫނީ ބާރު އެ ބޭންކަށް ލިބިގެންވާ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ބޭނުން ނުކުރާ ކަމަށް ފާހަގަ ކުރެވުނު819 އެކައުންޓުތަކުގެ ލިސްޓާއި އެކައުންޓުގެ ވެރިފަރާތުގެ މައުލޫމާތު އާންމުކޮށް ގެޒެޓުގައި ޝާއިއު ކުރި އެ އިއުލާނުގައިއިތުރަށް ބުނެފައިވަނީ 8 ޖޫން 2017ގެ ކުރިން އެކައުންޓްގައި ހުރި ފައިސާއާ މެދު ޢަމަލު ކުރަންވީ ގޮތެއް ނާންގަވައިފިނަމަ، ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެފަދަ އެކައުންޓްތައް ބަންދުކުރެވޭނެ ކަމަށެވެ.