08 Apr 2017, 20:49
ޖަޕާނުގެ ޓޯކިޔޯގައި އިއްޔެ ފެށި މެރިން ޑައިވިން ފެއާގައި ރާއްޖެއަށް ޚާއްސަ ދެ އެވޯޑެއް ލިބިއްޖެ އެވެ.
ރާއްޖެ އަށް ލިބުނު ދެ އެވޯޑަކީ، ޑްރީމް ޑެސްޓިނޭޝަންގެ އެވޯޑާއި، ޑައިވިން ޑެސްޓިނޭޝަން އެވޯޑެވެ. މި ދެ އެވޯޑަކީ ވެސް އެ ފެއާގެ ތެރެއިން ދޭ "މެރިން ޑައިވް އެންޑް ޓްރެވަލް އެވޯޑްސް"ގައި ލިބުނު އެވޯޑުތަކެކެވެ. އެ އެވޯޑުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސައިން ޝަރީފެވެ.
އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ފެއާގައި ދިވެހި ތިން ކުންފުންޏަކުން ބައިވެރިވެއެވެ. އެ ފެއާއިން ރާއްޖެއަށް ލިބިފައިވަނީ 24 އަކަމީޓަރުގެ ސްޓޭންޑެކެވެ. އެ ސްޓޭންޑުގައި ރާއްޖެ އިސްތިހާރު ކުރުމުގެ އެކި ހަރަކާތްތައް، ޒިޔާރަތްކުރާ ފަރާތްތަކާ ގުޅިގެން ކުރުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ހަރަކާތްތައްފަދަ ކަންކަން ކުރިއަށް ގެންދާނެ އެވެ.
ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެ ފެއާގައި މިއަހަރު 50 ގައުމަކުން 200 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ. މިއަހަރު އެ ފެއާއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ 50،000 އެއްހާ މީހުންނެވެ. އެ ފެއާގައި ކަނޑުއަޑީގެ ރީތި މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ޑައިވިންގެ މުހިއްމުކަމާ ގުޅުން ހުރި ދާއިރާތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އިތުރުން ޕްރެޒެންޓޭޝަން ހުށަހެޅުން ވެސް ހިމެނެއެވެ.
ޖަޕާނަކީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ލިސްޓުގައި އެންމެ ގިނައިން ފަތުރުވެރިން އަންނަ އަށް ވަނަ ގައުމެވެ. އަދި އެގައުމުގެ މާކެޓަކީ ރާއްޖޭގެ މެރިން އަދި ސްކޫބާ ޑައިވިންގެ ދާއިރާގައި ވަރަށް ބޮޑަށް ހިއްސާވާ މާކެޓެކެވެ. އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރު ނިމުނު އިރު ވަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 1.7 ޕަސެންޓު އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ޖަޕާނުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 39،894 އަށް އަރާފައެވެ.
އެ ފެއާގައި ބައިވެރިވުމުގެ ބޭނުމަކީ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމެވެ.