ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކަޑަމީ ރަސްމީކޮށް ފަށައިފިއެވެ.

މުސްތަގުބަލުގައި މޮޅެތި ފުޓްބޯޅަ ކުޅުންތެރިންނަށް ހެދުމުގެ އަޒުމުގައި މިއަހަރު ނިއުގެ އެކަޑަމީ ފަށިގެންދިޔައީ މިއަދު ހަވީރު ޓާފް ދަނޑުގައެވެ. އެ ހަރަކާތް ރަސްމީކޮށް ނިއުގެ ހެޑް ކޯޗު ބެނާޑޯ ޓަވަރޭޒް ފަށައިދިންއިރު، އެ ކްލަބުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު އަދި އެކްލަބުގެ ބޯޑު މެންބަރުން ބައިވެރިވިއެވެ.

ނިއުގެ އެކަޑަމީ ފެށުން: އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިއުގެ އެކަޑަމީގެ ފުރަތަމަ ދުވަހުގެ ހަރަކާތްތަކުގައި އެކަޑަމީ ކުދިންނަށް ތަމްރީން ދިނުމަށް އެކްލަބުގެ ސީނިއާ ހުރިހާ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. ނިއުއިން އެކަޑަމީ ފަށާފައިވަނީ ފެންވަރު ރަނގަޅު ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ އަޒުމުގައި ކަމަށް އެކްލަބުން މައުލޫމާތުދެއެވެ.

ނިއުގެ އެކަޑަމީގައި މިއަދު ގިނަ އަދަދެއްގެ ކުދިން ބައިވެރިވިއިރު، އެކަޑަމީގެ ހަރަކާތްތައް ކުރިއަށްގެންދަނީ ނިއުގެ ސީނިއާ ޓީމުގެ ޓްރޭނަރު އަދި އެކަޑަމީގެ ހެޑް ކޯޗު ޔޯކިމް ވަލިންހޯގެ ބެލުމުގެ ދަށުންނެވެ. އޭނާއަކީ ބެޗެލާ އޮފް ސައިންސް އިން ސްޕޯޓްސް ޓްރޭނިންއާއި ފުޓްބޯލް ޕޯސްޓްގްރެޖުއޭޓް އިން ސައިކޮލޮޖީ އޮފް ސްޕޯޓްސް އަދި ޔޫއެފާ ބީ ލައިންސަސް ފާހެއް އޮންނަ ކޯޗެކެވެ.

ނިއުގެ އެކަޑަމީ ފެށުން: އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިއުގެ އެކަޑަމީ ކޯޗު ވަލިންހޯ ވަނީ ކުރިން ބޮޑެތި ކްލަބުތަކަކާއެކު ވެސް މަސައްކަތްކޮށްފައެވެ. އެގޮތުން ޓެންޒޭނިއާ ޕްރިމިއާ ލީގުގެ އެފްރިކަން ލިޔޯން އެފްސީއާއި، ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ކްލަބު ގްރުޕޯ ޑެސްޕާޓިވޯ ޓޫރިޒެންސް އަދި ޕޯޗުގަލް ޕްރިމިއާ ލީގުގެ ކްލަބު އެތުލެޓިކޯ ކިޔުރިއެންސް ފާހަގަކޮށްލެވެއެވެ.

ނިއުގެ އެކަޑަމީއަށް 200 ކުދިން ހަމަވަންދެން އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ އަދަދު ހަމަވުމުން ބައިވެރިވުމުގެ ފުރުސަތު ބަންދުކޮށްލާނެ ކަމަށް އެކްލަބުން ބުނެއެވެ. އެކަޑަމީގައި ބައިވެރިވުމުގެ ކަންތައް ކުރިއަށްދާނީ ނިއުގެ އޮފީހުގައެވެ.

ނިއުގެ އެކަޑަމީ ފެށުން: އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެކްލަބުގެ އެކަޑަމީ ހާއްސަވަނީ 6 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނަށެވެ. ކްލަބުގެ އެކަޑަމީގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި މަހެއްގެ މައްޗަށް ނަގަނީ 300 ރުފިޔާއެވެ. އެ ކްލަބުން އެކަޑަމީގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އަވަހަށް ފަށާނެ ކަމަށް މައުލޫމާތުދެއެވެ.

އޭގެ އިތުރުން އިންޓަސްކޫލް ފުޓްބޯޅަ މުބާރާތް ނިމުމުން ނިއުގެ 16 އަހަރުންދަށުގެ ޓީމު އަދި 19 އަހަރުންދަށުގެ އޭ ޓީމާއި ބީ ޓީމު އެކުލަވާލުމަށް ހަމަޖެހިފައިވެއެވެ.