08 Apr 2017, 14:56
އިންޑިއާގެ 64 ވަނަ ގައުމީ ފިލްމު އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު، ފިލްމު 'ރުސްތަމް' އިން ހުނަރުވެރި އެކްޓަރު އަކްޝޭ ކުމާރު ހޯދައިފި އެވެ.
ގައުމީ އެވޯޑު ހޯދި ފަރާތްތައް އާންމު ކޮށްފައި ވާއިރު، މިއީ އަކްޝޭ އަށް ގައުމީ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. އަކްޝޭ އަށް އެވޯޑު ލިބުނު ފިލްމު، 'ރުސްތަމް' އަކީ މަޝްހޫރު ނާނާވަތީ ކޭސްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
އެވޯޑާ އެކު ސޯޝަލް މީޑިއާގައި 49 އަހަރުގެ އެކްޓަރަށް އަންނަނީ މަރުހަބާގެ މެސެޖުތައް ބަންޑުންވަމުންނެވެ. އެގޮތުން ފިލްމީ ދާއިރާ އަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ އެއީ އަކްޝޭ އަށް ހައްގު އެވޯޑެއް ކަމަށް ބުނެ އޭނާ އަށް ތައުރީފު ކުރަމުންނެވެ.
އަކްޝޭގެ އަންހެނުން ޓުވިންކަލް ޚަންނާ ވެސް ވަނީ އުފަލުން ރޮވިފައި ހުރި ކަމަށާއި، އަކްޝޭ އާމެދު ފަޚުރުވެރިވާ ކަމަށް ބުނެ ޓުވީޓު ކޮށްފަ އެވެ.
އަކްޝޭގެ އިތުރުން ފިލްމު 'ނީރްޖާ'ގައި އަދާކޮށްފައިވާ ރޯލަށް، ބަތަލާ ސޯނަމް ކަޕޫރަށް ވެސް ވަނީ ޚާއްސަ އެވޯޑެއް ލިބިގެން ގޮސްފަ އެވެ. ހަމައެއާ އެކު 'ނީރްޖާ' އަށް ވަނީ އެންމެ މޮޅު ހިންދީ ފިލްމުގެ ގައުމީ އެވޯޑު ވެސް ލިބިގެން ގޮސްފަ އެވެ.
އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމުތަކުގެ ކެޓަގަރީ އިން ގައުމީ އެވޯޑު ލިބިފައި ވަނީ އަމީތާބް ބައްޗަން ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު 'ޕިންކް' އަށެވެ.
އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުނީ، މަރާތީ ފިލްމު 'ވެންޓިލޭޓާ' އިން ރާޖޭޝް މަޕުސްކަރް އަށެވެ. ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޕްރޮޑިއުސް ކުރި އެ ފިލްމަށް އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ގައުމީ އެވޯޑު ހާސިލް ކުރީ ފިލްމު 'ދަންގަލް'ގައި ގީތާ ޕޯގަޓްގެ ޅަދުވަސްވަރު ދައްކައިދިން ބަތަލާ ޒާއިރާ ވަސީމް އަށެވެ.