08 Apr 2017, 14:07
ޓޮޓެންހަމް ހޮޓްސްޕަރގެ އިނގިރޭސި ފޯވާޑް ހެރީން ކޭންއަކީ، އެ ކްލަބުގެ "ލިއޮނަލް މެސީ"ގެ ގޮތުގައި، ކޯޗު މައުރީޝިއޯ ޕޮކެޓީނޯ ސިފަކޮށްފިއެވެ.
ތަނބިކަށްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ތިން މެޗަށް ކުޅުމާ ދުރުގައި ހުރުމަށްފަހު، ކޭން ވަނީ މިހާރު ޓޮޓެންހަމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެ، ކުރިއަށް އޮތް މެޗަށް ޓީމާ ގުޅުމަށް ތައްޔާރުވެފައެވެ.
ކޭންއާ ނުލައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާއިރު، ޕޮކެޓީނޯ ގަބޫލުކުރާ ގޮތުގައި، މި ސީޒަންގައި މިހާތަނަށް 19 ލީގު ގޯލް ކާމިޔާބުކޮށްފައިވާ ފޯވާޑް އަލުން ޓީމާ ގުޅުމުން، ކުރިއަށް އޮތް މެޗުގައި އޭނާ ކުޅުނު ނަމަވެސް އަދި ނުކުޅުނު ނަމަވެސް އޭނާގެ ސަބަބުން މުޅި ޓީމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ޓޮޓެންހަމްގެ އާޖެންޓީނާ ކޯޗު ގަބޫލުކުރާ ގޮތުގައި، ކޭންއަކީ ބާސާގައި މެސީ ކުޅޭފަދަ މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އެގޮތުން ޕްރިމިއަރ ލީގުގައި، މިއަދު ވައިޓްހާޓް ލޭންގައި ވޮޓްފޯޑާ ދެކޮޅަށް ޓޮޓެންހަމް ނުކުންނައިރު، ބެންޗުގައި ކޭން ހުންނަން ޖެހުނުނަމަވެސް އެއިން ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނޭ ކަމަށް ކޯޗު ބުނެއެވެ.
"އަހަރެން ހެރީ ކޭންއާ މެދު އެއްވެސް ޝައްކެއް ނުކުރަން،" ޕޮކެޓީނޯ ބުންޏެވެ. "އޭނާ މެޗު ފަށައިގެން ކުޅުނު ނަމަވެސް ނުވަތަ ނޫންނަމަވެސް، އަހަރެން ގަބޫލުކުރަނީ ހެރީއަކީ އަރެމެންގެ ތެރޭގައި ހިމެނޭ އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށް.

އަނިޔާއަށް ފަހު، ހެރީ ކޭންއަކީ އެނބުރި ޓީމާ ގުޅުމުން މުޅި ޓޮޓެންހަމްއަށް ވަނީ ހިތްހަމަޖެހުން ލިބިފައި -- ފޮޓޯ: ސްކައިސްޕޯޓްސް
"ބާސެލޯނާގައި މެސީއަށް އަނިޔާވި ނަމަވެސް، އެ ކްލަބު ދިޔައީ މެޗުތައް ކާމިޔާބުކުރަމުން. ދެން މެސީ ކްލަބާ ގުޅުނީ، އެންމެނަށްވެސް އޭނާގެ އެނބުރި އައުން ފާހަގަކުރެވުނު.
"ނަން ތަފާތީ، އަހަންނަށް ބުނެދޭކަށް ނޭނގެ. އެކަމަކުވެސް އަހަންނަށް ޔަގީންކަމާއެކު ބުނަން ކެރޭ ހެރީއަކީ އަހަރެމެންގެ ހުރި އެންމެ މޮޅު އެއް ކުޅުންތެރިއާކަން."
ޕޮކެޓީނީ ބުނީ، ވޮޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގައި ހެރީ ކޭން ކުޅޭނެ ނަމަވެސް އަދި ނުކުޅެ ބެންޗުގައި ހުންނާން ޖެހުނު ނަމަވެސް މައްސަލައެއް ނެތްކަމަށާއި، އަނިޔާއިން ސަލާމަތްވެ، އޭނާ ކުޅެން ތައްޔާރުފެވައިވާ ކަމުގެ ހަބަރަކީ މުޅި ޓީމަށްވެސް ލިބިފައިވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"އެއީ ކޭންއަށް ވެސް އަދި އަހަރެމެން މުޅި ޓީމަށް ވެސް ލިބުނު ވަރަށް އުފާވެރި ޚަބަރެއް. އެއީ މުހިންމު ކުޅުންތެރިއެއް. އޭނާއަށް ކުޅެވޭނޭކަން އެނގުމަކީ އަހަރެމެން އެންމެނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،"
މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، އެނބުރި އަންނައިރު ބައެއް ކުޅުންތެރީންނަށް މައްސަލަތަކާ ކުރިމަތިލާން ޖެހުނު ކަމުގައިވީ ނަމަވެސް، ކޭންއަކީ ތަފާތު ކުޅުންތެރިއެއް ކަމަށް ޕޮކެޓީނޯ ބުންޏެވެ. އެގޮތުން ވޮޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11ގައި އޭނާ ނުހިމެނުނު ނަމަވެސް، ޓީމު ލިސްޓުގައި އޭނާގެ ނަން އޮތުމަކީ މުޅި ޓީމަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކޯޗު ޕޮކެޓީނޯ ބުންޏެވެ.
"އޭނާ އަބަދުވެސް ހުންނާނީ ކުޅޭހިތުން ހަލާކުވާވަރުވެފަ. އޭނާ ބޭނުންވާނެ އޭނާލައްވައި ކުޅުވަން އެހެން މީހުންވެސް މަސައްކަތް ކުރާން. މޮޅަށް ކުޅެ ލަނޑު ޖަހާން ބޭނުންވާނެ، އެއީ ހަމަ އާދަޔާ ޚިލާފު ޝަހުސިއްޔަތެއް،" ކޭންއަށް ތައުރީފުކުރަމުން ޕޮކެޓީނޯ ބުންޏެވެ.
ޕްރިމިއާ ލީގުގައި މިހާރު ކޮންމެ ކްލަބަކަށްވެސް ބާކީ ހަތްވަރަކަށް މެޗު އޮތް އިރު، ލީޑަރ ޗެލްސީއަށް ވުރެ 7 ޕޮއިންޓު މަދުން، ތާވަލުގެ ދެވަނަގައި ޓޮޓެންހަމް އޮތީ 65 ޕޮއިންޓާއެކުއެވެ.