ރާއްޖޭގައި ބިރެއް ނެތި ހަރަކާތްތައް ހިންގުމުގެ ޖާގަ އިދިކޮޅު ލީޑަރުންނަށް ދޭން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އީޔޫގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކެނެޑާ، ނޯވޭ، ސްވިޒަލޭންޑް އަދި އެމެރިކާ ގުޅިގެން ނެރުނު ޖޮއިންޓް ބަޔާނެއްގައި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކަކީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް މުހިއްމު ބައެއް ކަމަށެވެ.

އެގޮތުން، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އިހްތިރާމް ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

"އެއްވެސް ކަހަލަ ބިރުވެރިކަމަކާއި ފިއްތުންތަކަކާ ނުލައި އިދިކޮޅު ސިޔާސީ ލީޑަރުންނަށް އެމީހުންގެ ހަރަކާތްތައް ހިންގުމުގެ ޖާގަ އޮންނަން ޖެހޭ،" އީޔޫ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކަންތައްތަކާ އެކު ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އިހުތިރާމް ކުރާ މިންވަރު ކައިރިން ބަލަމުންދާނެ ކަމަށެވެ.

އީޔޫ އިން ބަޔާނެއް ނެރެފައިވާ އިރު، އދ. އިން ވެސް ވަނީ ރާއްޖޭގައި ހުރި ސިޔާސީ މައްސަލަތައް ހައްލު ކުރުމަށް ޓަކައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް އަނެއްކާ ވެސް ގޮވާލައިފަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާން، ސްޓެފަން ޑްޖެރިކް އިއްޔެ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ކުރާ ހަމަތަކުގެ މަތިން ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް އަދި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ރާއްޖޭގެ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.