06 Jul 2011, 08:28
ކާބުލް : އަފްޣާނިސްތާނުގެ ސަރުކާރުގައި ބައިވެރިވުމުގެ ފުރްސަތު ތާލިބާން ޖަމާއަތަށް އޮންނަންވާނެ ކަމަށް ވިދާޅުވެ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވާހަކަ ދައްކަވައިފިއެވެ.
އަފްޣާނިސްތާނަށް ކުރައްވަމުން ގެންދަވާ ކުއްލި ދަތުރުފުޅެއްގައި ރައީސް ޙާމިދް ކަރުޒާއި އާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ކެމެރޮން ވިދާޅުވީ ތާލިބާނުންނަށް އަފްޣާނިސްތާނުގެ ސިޔާސީ މަސްރަޙުގައާއި އަދި ސަރުކާރުގައިވެސް ޖާގައެބައޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާ ނަމަވެސް ހަތިޔާރުގައި ހިފަހައްޓާނަމަ އެމީހުންގެ މުސްތަޤްބަލްވަނީ ނޭންގުމެއްގެ ތެރޭގައި ކަމުގައެވެ.
ކެމެރޮން ވިދާޅުވީ އޭނާގެ ޤައުމު ކަމަށްވާ އިނގިރޭސި ދައުލަތުގެ ބައެއްގެ ގޮތުގައި އޮންނަ އުތުރު އަޔަރލޭންޑް ގެ ކުރީގެ ހަނގުރާމަވެރިންނަކީވެސް ތާލިބާނުން ފަދައިން ހަތިޔާރު ބޭނުންކޮށް ތަންތަން ގޮއްވައި މީހުން މެރުމުގެ ޢަމަލުތައް ހިންގާފައިވާ ބައެއް ކަމަށާ ނަމަވެސް އަޔަރލޭންޑްގެ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން ހަތިޔާރު ބެހެއްޓުމުން އެމީހުން އެޤައުމުގެ ސަރުކާރުގައި ހިމެނި އަދި މިހާރު ޒަޢީމުންނަށްވެސް ވެފައިވާ ކަމުގައެވެ.
އަފްޣާނިސްތާނުން ހުޅަނގުގެ ބާރުތައް ފައްސާލަން މަސައްކަތްކުރާ ތާލިބާނުންނާއި އުތުރު އަޔަރލޭންޑްގެ މިނިވަން ކަމަށް މަސައްކަތްކުރި "ކުރީގެ އައިރިޝް ރިޕަބްލިކަން އާރމީ" އަކީ މިއުސޫލުން އެއްވައްތަރުގެ ދެޖަމާއަތްކަމަށް ސިފަކުރައްވައި ކެމެރޮން ވާހަކަ ދެއްކެވިއެވެ.
"ހަތިޔާރު ދޫނުކޮށް ތާލިބާނުންނަށްވެސް އެމީހުންގެ މަޤްސަދް ހާސިލެއް ނުވާނެ" ކެމެރޮން ވިދާޅުވިއެވެ.
ތާލިބާނުން އަފްޣާނިސްތާނުގެ ސިޔާސީ ކަންކަމުގައި ބައިވެރިކުރުވާ ވާހަކަ ހުޅަނގުގެ ލީޑަރުން ދައްކަވަން ފެށީ ތާލިބާނުން ޢަސްކަރީ ގޮތުން ބަލިކޮށް އެޖަމާޢަތުގެ ދުވަސް ދުއްވާލުމަށް އެމެރިކާއާއި ނޭޓޯ ކުރަމުން ގެންދިޔަ ދިގުލީ ހަނގުރާމަ ނާކާމިޔާބުވެ ތާލިބާނުން ބަލިނުކުރެވުމުގެ ސަބަބުންނެވެ.
އިނގިރޭސި މަސްއޫލުވެރިންގެ އިތުރުން އެމެރިކާގެ މަސްއޫލުވެރިންވެސް ވަނީ ސުލްޙައިގެ އެއްބަސް ވުމެއްގެ ދަށުން އަފްޣާނިސްތާނުގެ ސިޔާސީ ކަންކަމުގައި ތާލިބާނުން ބައިވެރިކުރުމަށް ތާއީދުކުރާކަން ހާމަކުރައްވާފައެވެ.
މިމައްސަލާގައި ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ދައްކަމުން ގެންދާކަމަށް އެމެރިކާއާއި އިނގިރޭސި މަސްއޫލުވެރިންވެސް އެއްބަސްވެވަޑައިގެންފައިވެއެވެ. އެެމެރިކާއެކޭ އެއްގޮތަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުންވެސްވަނީ އަފްޣާނިސްތާނުން ސިފައިން ބޭލުމުގެ ޕްލޭންތައް އިޢްލާންކޮށްފައެވެ. (ރޮއިޓާސް+އަލްޖަޒީރާ)