ޔުނިވާސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ)ގެ ނަމުގައި ސައިރިކްސް ކޮލެޖުން ހިންގަން ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެޕްރޫވް ކޮށްފައިވާ ކޯހެއް ކަމަށް ސައިރިކްސް ކޮލެޖުން ބުނެ އެވެ.

އެކޮލެޖުން ބުނީ، އެ ކޯހަކީ، ގްރޭޑް 10 ނިންމާ މަތީ ތައުލީމަށް ދާން ބޭނުންވެ، އެހެނަސް ތަފާތު ސަބަބުތަކާއި ހުރެ އެ ފުރުސަތު ނުލިބިފައި ތިބި ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެއް ކަމަށެވެ. އެ ކޯސް ނިންމާ ފަރާތްތަކުގެ ތެރެއިން ފާސްވާ ދަރިވަރުންނަށް ސައިރިކްސް ކޮލެޖުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

އެކޯހުގައި ބައިވެރިވެވޭނީ، ގްރޭޑް 10 ނިންމާ އުމުރުން 20 އަހަރުފުރި، މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ދެ އަހަރު ދުވަހު އުޅެފައިވާ ފަރާތްތަކަށް ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މިމަހުގެ 23 ވަނަ ދުވަހު ފަށާ އެ ކޯހުގެ އިތުރުން، އިތުރު ހަތް ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސައިރިކްސް ކޮލެޖުގައި މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް:

  • ސެޓިފިކެޓް 3 އިން ހިއުމަން ރިސޯސް މެނޭޖްމެންޓް

  • ސެޓްފިކެޓް 4 އިން ހިއުމަން ރިސޯސް މެނޭޖްމެންޓް
  • ސެޓްފިކެޓް 4 އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން
  • ސެޓްފިކެޓް 4 އިން އައިޓީ
  • ޑިޕްލޮމާ އިން އައިޓީ (އެއް އަހަރު ދުވަސް)
  • ޑިޕްލޮމާ އިން ބިޒިނަސް މެނޭޖްމެންޓް
  • ޑިޕްލޮމާ އިން އެކައުންޓިން އެންޑް ފައިނޭންސް
  • ޔޫޕީޕީ ޕްރޮގްރާމް