ބާސެލޯނާގެ މިޑްފީލްޑަރު ރަފީނިއާގެ ކަކުލުގެ އޮޕަރޭޝަނެއް ކުރުމާ ގުޅިގެން ކުރިއަށް އޮތް ހަތަރު މަސްދުވަހު ކުޅުމާ ދުރުގައި ހުންނާން ޖެހިއްޖއެވެ.

ބްރެޒިލްގެ އުމުރުން 24 އަހަރުގެ މިޑްފީލްޑަރަށް އަނިޔާވީ، މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު، ސްޕެނިޝްލީގުގައި ގްރެނޭޑާ އަތުން 4-1 ލަނޑުން ބާސާ މޮޅުވި މެޗުގައެވެ.

ރަފީނިއާއަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނާން ޖެހުމަކީ، މިސީޒަންގައި، ސްޕެނިޝް ލީގު، ޗެމްޕިއަންސް ލީގު އަދި ކޮޕާ ޑެލްރޭ ކާމިޔާބުކުރުމަށް އަމާޒު ހިފާފައިވާ ބާސާއަށް ލިބޭނޭ ފޫބައްދަން ދަތި ގެއްލުމަކަށެވެ.

ރަފީނިއާ ވަނީ، މި ސީޒަންގައި ބާސާއަށް 28 މެޗު ކުޅެދީފައެވެ. އޭގެ ތެރޭގައި ލަ ލީގާގެ 18 މެޗު ހިމެނޭއިރު، މިފަހަރުގެ ލީގުގައި އޭނާ ވަނީ މިހާތަނަށް ހަ ލަނޑު ކާމިޔާބުކޮށްދީ، އިތުރު ކުޅުންތެރީންނަށް ލަނޑު ޖެހުމުގައި މުހިއްމު އެހީތަކެއް ފޯރުކޮށްދީފައެވެ.

"ރަފިނިއާ ވަނީ، ކާނާތު ކަކުލުގެ މަޑުކަށިގަނޑަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ދިނުމަށް އާރތުރޮސްކޯޕީއެއް ހަދާފައި،" ބާސާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

"އޮޕަރޭޝަނާ ގުޅިގެން ރަފީނިއާއަށް ހަތަރު މަސްވަންދެން ނުކުޅެވޭނެ."

ބާސާގެ އެކަޑަމީން އެ ކްލަބާ ގުޅުނު ރަފީނިއާ ވަނީ، އެ ކްލަބާއެކު މިހާތަނަށް ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ޝަރަފު ހޯދައިފައެވެ.