ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން އެއްބަސްވާ ގޮތަށް ކޮމެޓީތަކަށް މެންބަރުން ބެހުމަށް ޒެޑް- ޑީއާރްޕީ އާއި ޖުމްހޫރީ ޕާޓީ އިތުރުން ގައުމީ ޕާޓީގެ މެންބަރު ދެކޮޅު ހައްދަވަމުން ދަނިކޮށް، މަޖިލީހުގެ މިރޭ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން ކޮމެޓީތަކަށް މެންބަރުން އައްޔަންކޮށްފި އެވެ.

ދާއިމީ ކޮމެޓީތަކަށް މެންބަރުން ބެހުމުގެ މައްސަލައަށް ކުރިއެއްރުމެއް ނުލިބި ގިނަ ޖަލްސާތަކެއް މެދު ކަނޑާލުމަށްފަހު މިރޭ 8:30 ގައި ޖަލްސާ ފެށުމާއެކު ޒެޑް ފެކްޝަނަށް ނިސްބަތްވާ މެންބަރުން ވަނީ ނިޒާމީ މައްސަލަތައް ނަންގަވައި މަޖިލީހުގައި އަޑުގަދަ ކުރައްވާފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި ގައުމީ ޕާޓީގެ މެންބަރު ރިޔާޒް ރަޝީދު މަޖިލީހުގައި އަޑުގަދަ ކުރައްވައި ވިދާޅުވަމުން ގެންދެވީ، ކޮމެޓިތަށް މެންބަރުން އައްޔަން ކުރުމަށް ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ މެންބަރުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ ޝާހިދުގެ ކުރިފުޅު މަތީގައި )އިދާރީ މޭޒުގެ ކުރިމަރީގައި( 10 ވަރަކަށް މިނިޓު ވަންދެން ޒުވާބު ކުރައްވަމުން ދަނިކޮށް، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ކޮމެޓީތަކަށް މެންބަރުން ބެހުމަށް ވޯޓަށް އައްސަވައި ކޮމެޓީތަކަށް މެންބަރުން އައްޔަންކޮށްފަ އެވެ.

މިރޭގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވި 37 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓް ދެއްވާފައި ވަނީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން އެއްބަސްވި ގޮތަށް ކޮމެޓީތަކަމަށް މެންބަރުން ބެހުމަށެވެ. ލީޑަރުން އެއްބަސްވެފައިވާ ގޮތަށް ކޮމެޓީތައް ބެހުމަށް ނުފެންނަ ކަމަށް ވޯޓް ދެއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

ކޮމެޓީތަކަށް މެންބަރުން ބެހުމުގެ މައްސަލަ މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން ނިމުމާއެކު، އަބްދުﷲ ޝާހިދު ވަނީ މިރޭގެ ޖަލްސާ ނިންމަވާލެވި ކަމަށް އިއުލާން ކުރައްވާފަ އެވެ.

ރިޔާސަތުން ތެދުވެވަޑައިގެން ޝާހިދު ވަޑައިގެންނެވުމުން އިދާރީ މޭޒު ކުރިމަތީގައި ތިއްބެވި ޒެޑް ފެކްޝަންގެ މެންބަރުންނާއި ޖުމްހޫރީ އަދި ގައުމީ ޕާޓީގެ މެންބަރު ވަނީ ޝާހިދުގެ ފަހަތުން ދުވެވަޑައިގެންފަ އެވެ. އަދި އެ ބޭފުޅުން ޝާހިދާ ދިމާކުރެއްވުމަށް މަސައްކަތް ކުރެއްވި ވަގުތު އެމްޑީޕީގެ ބައެއް މެންބަރުންނާއި މަޖިލީހުގެ ސެކިއުރިޓީ ބަހަލައްޓަވާ އެމްއެންޑީއެފްގެ ބޭފުޅުން ވަނީ ޝާހިދަށް ހިމާޔަތް ދެއްވާފަ އެވެ. އަދި ޝާހިދު މަޖިލީހުގެ ސިޑިން މައްޗަށް އަރައިވަޑައިގަންނަވަނިކޮށް ފަހަތުން މެންބަރު އަހުމަދު މަހުލޫފު ވެސް ސިޑިން އަރައިވަޑައިގަންނަވަން އުޅެނިކޮށް ބައެއް މެންބަރުން ވަނީ އޭނާ ހިފަހައްޓާފަ އެވެ. އެ ހާދިސާގެ ތެރޭގައި މަހުލޫފު ސިޑިން ވެއްޓުނު ކަމަށް ވެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަހުމަދު ސަމީރު ވިދާޅުވި މަހުލޫފު ސިޑިން ވެއްޓުނުތަން ފެންނަ ވީޑިއޯއެއް އެމްޑީޕީގެ މަޖިލިސް މެންބަރުން ގެންގުޅުއްވާ ކަމަށެވެ. ޒެޑް ޑީއާރްޕީގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ މަހުލޫފު "ސިޑިން ދަމާފައި ވައްޓާލީ" ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އަލީ ވަހީދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޕާޓިތަކުގެ އިސްވެރިން އެއްބަސްވި ގޮތަށް ކޮމެޓީތަށް ބެހުމަށް ފާސްކުރުމަށް މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅޭ ގޮތުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ޕާޓީތަކުގެ ލީޑަރުންގެ އިއްތިފާގުން ކޮމެޓީތަށް ބެހުމަށް މިރޭ މަޖިލީހުން ފާސްކޮށްފައިވަނީ އެންމެ އިންސާފުވެރިކޮށްކަމަށާއި ބައެއް މެންބަރުން މިރޭގެ ޖަލްސާގައި އަޑުގަދަ ކުރެއްވީ އެ މެންބަރުންނަށް އެކަމުގައި އޮޅުންތަކެއް އުޅޭތީ ކަމަށެވެ.

"ކޮމެޓީތަށް ބެހިގެން އެދިޔައީ މަޖިލީހުގެ މިއަދު ހަގީގަތް އޮތް ގޮތުގެ މައްޗަށް. ޕާޓީތަކުގެ ލީޑަރުންގެ އަގުލައިބިއްޔަތުން ނިންމާފައިއެވަނީ އިންސާފުވެރިކޮށް. މެންބަރުން ތިބި ނިސްބަތަކުން ކޮމެޓީތަކުން ޖާގަ ލިބޭނީ. މިއަދު މަޖިލިސް އޮތް ގޮތުން ހުރިހާ ކޮމެޓީއެއްގެ އަގުލަބިއްޔަތެއް ނުލިބޭނެ،" ތަސްމީން ވިދާޅުވު އެވެ.

ކޮމެޓީތަކުގެ މައްސަލައިގާ ގިނަދުވަސްތަކެއް ވަންދެން ޖަލްސާތަށް މެދުކަޑާލުމަށް ފަހު މިރޭ މަޖިލީހުން ފާސްކުރެއްވި ގޮތަށް މިއަދު ހަވީރު ލީޑަރުންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި ތަސްމީން ވެސް އެގޮތަށް ކޮމެޓީތަށް ބެހުމަށް އެއްބަސްވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދި ޕީއޭގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް އެގޮތަށް ކޮމެޓީތަށް ބެހުމަށް އެއްބަސްވެ ވަޑައިގަތުމުން ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ހިފަހައްޓާ އުސޫލެއް، ކަމެއް ކުރަންޏާ އިދިކޮޅު މެންބަރުން އެކަމަކަށް އެއްބަސް ނުވަނީސް އެގޮތަކަށް އެއްބަސް ނުވާން. އެގޮތުން މިއަދުވެސް ގާސިމްވެސް އަދި ނާޒިމްވެސް އެއްބަސްވީމާ އެގޮތަށް އަޅުގަނޑުވެސް ދޫ ދިނީ. އަޅުގަނޑު މީގެ ކުރިން ހުރީ އެއްގޮތެއްގައި ހިފަހައްޓައިގެން،" ތަސްމީން ވިދާޅުވި އެވެ.

އަދި ވިދާޅުވީ ލީޑަރުން އެއްބަސްވެފައިވާގޮތުން އިދިކޮޅު މެންބަރުންނަށްވެސް އެ މެންބަރަކު ބޭނުންވާ ކޮމެޓީއެއްގައި އިނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ދާއިމީ ދެ ކޮމެޓީއެއްގެ 80 ޕަސެންޓް އިދިކޮޅު ފަރާތްތަކަށް އޮންނާނެ ކަމަށެވެ.

"މުއްތޮލިބަށްވެސް އަދި ރިޔާޒު ރަޝީދަށްވެސް އެދުނު ކޮމެޓީތަކުގައި ތިއްބެވޭނެ، ކޮމެޓީތައް ބެހުނު ގޮތުން ދެ ކޮމެޓީއެއްގެ 80 ޕަސެންޓް އަޅުގަނޑުމެންނަށް ލިބޭނެ،" ތަސްމީން ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ދެ ކޮމެޓީއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުން އެއްބަސްވެފައިވަނީ މާލިއްޔަތު ކޮމެޓީގެ އަޣުލަބިއްޔަތު މިހާރު ވެސް އޮންނަގޮތަށް ޑީއާރުޕީ/ޕީއޭ އަށްދިނުމަށެވެ.

ބޮޑު ދެ ޕާޓީން ވެސް އެންމެ ބޮޑަށް ތަޅާފޮޅާ ސަލާމަތީ ހިދުމަތްތަކާ ބެހޭ މަޖިލީހުގެ ކޮމެޓީ )241ކޮމެޓީ( މިހާރު އެކުލަވާލާފައި ވަނީ އެމްޑީޕީގެ ހަތަރު މެމްބަރަކާއި ޑީއާރުޕީ/ޕީއޭ ގެ ތިން މެމްބަރަކު ހިމެނޭ ގޮތަށެވެ. އަދި މިނިވަން މެންބަރުންގެ ގޮތުގައި ދެ ޕާޓީގެވެސް ރުހުމާއި އެކު ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ އާއި ކުރިން ޑީއާރުޕީގައި ހުންނެވި ވެލިދޫ ދާއިރާގެ އަލީ މުހައްމަދު )އަލިބެ(ވަނީ ހަމަޖައްސާފަ އެވެ. އަދި އެމްޑީޕީން އެންޑޯޒް ކޮށް 241 ކޮމެޓީއަށް ހޮވާފައިވަނީ ކާށިދޫ ދާއިރާގެ އިސްމާއީލް އަބްދުލް ހަމީދެވެ.

އެހެންކަމުން ސަލާމަތީ ބާރުތަށް ޖަވާބުދާރީ ކުރުވައި އެ މުހިންމު ކޮމެޓީގެ އަޣުލަބިއްޔަތު ދެން ބުރަވާނީ މިނިވަން މެމްބަރުންގެ ވިސްނުމާ އެއްގޮތަށް ކަމަށްބެލެވެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެމްޑީޕީ އާއި ޑީއާރުޕީން ކުރެ ކޮންމެ ޕާޓީއަކުން ފަސް މެމްބަރުން ހިމެނުމާއި އެކު މިނިވަން އެއް މެމްބަރެއްގެ ގޮތުގައި އެ ކޮމެޓީގައި އިންނަވާނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދު އެވެ.

އެމްޑީޕީއަށް އަގުލަބިއްޔަތު ލިބުނު އިގުތިސޯދީ ކޮމެޓީގެ މިނިވަން މެންބަރެއްގެ ގޮތުގައި ހޮއްވެވީ ކޮމެޓީގައި މީދޫ ދާއިރާގެ އަހުމަދު ސިޔާމް މުހައްމަދެވެ.