ސީރިއާ ސަރުކާރުގެ އަސްކަރީ ވައިގެ ބަނދަރަކަށް އެމެރިކާ އިން ދިން ރޮކެޓު ހަމަލާތަކާ ގުޅިގެން ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު މައްޗަށް ޖެހިލައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިއީ އެއް މަސް ތެރޭ ތެލުގެ އަގު އެންމެ މަތިވި ފަހަރެވެ. އެގޮތުން، ބެންޓް ކްރޫޑްގެ ތެޔޮ ފީފާއެއްގެ އަގު ވަނީ 56 ޑޮލަރަށް މަތިވެފަ އެވެ. އަދި ފަހުން އެންމެ ދަށްވީ ވެސް 55 ޑޮލަރަށެވެ.

އެމެރިކާ އިން ސީރިއާ އަށް ވައިގެ ހަމަލާދީފައި ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދްލީބުގެ ޚާން ޝެއިޚޫން އަށް ކެމިކަލް ހަމަލާއެއްދީ އެތައް ބަޔަކު މަރާލާފައި ވަނިކޮށެވެ. އެމެރިކާގެ ހަމަލާ ދީފައި ވަނީ އެގައުމު ސިފައިންގެ މަނަވަރުތަކުން 59 ޓޮމަހޯކް ކްރޫޒް މިސައިލްތަކެއް ފޮނުވާލައިގެންނެވެ.

އެއީ ސީރިއާއާ ދެކޮޅަށް އެމެރިކާ އިން ދިން ފުރަތަމަ ހަމަލާ އެވެ. ފްލޮރިޑާގައި ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަކީ ޚުދުމުޚްތާރު ވެރިއެއް ކަމަށާއި އޭނާ ވަނީ ކުށެއް ނެތް އާއްމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ކަމަށެވެ. އަދި ޓްރަމްޕް ވަނީ ސީރިއާގައި ހިންގާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އެހެން ގައުމުތަކުން ވެސް ބައިވެރިވުމަށް ގޮވާލައްވައިފަ އެވެ.