މިރޭގެ ހުށަހެޅުންތަށް އަސަރުގަދަ އެވެ. ހީބިހި ނަގައިގެންދާވަރުވެ އެވެ. ޓީވީ ބުޑުގައި ކެތްމަދުވެފައި ތިބީ ފުލުފުލުން އެ ފަދަ ލަވަތަކެއް އަޑު އަހާލުމަށެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ އަށެއްގެ ބައިވެރިންގެ ހުށަހެޅުންތަށް ވަރަށް ފުރިހަމަ އެވެ.

މަންމަމެންނާއި ބައްޕަމެން ހިމެނޭ ގޮތަށް ބެލެނިވެރިންނަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދިޔަ ޝޯގައި ގަދަ އަށެއްގައި ހިމެނޭ ބައިވެރިން ވަނީ ހިތްގައިމު ލަވަތަކެއް ހުށަހަޅައިދީފައެވެ. ވާދަވެރިކަން ބޮޑުވި ޝޯގައި ހުށަހަޅައިދިން ލަވަތަކުގެ އަސަރުގަދަކަމުން އައިޑޮލްގެ ބައިވެރިންގެ ބައެއް ބެލެނެވެރިންގެ ލޮލުން ކަރުނަހިލުނެވެ. އާއިލީ ގުޅުމަށް ލޯބި އިތުރުކޮށްދޭނެ މެސެޖުތަކެއް އެ ބައިވެރިން ވަނީ ބެލެނެވެރިންނަށް ދޫކޮށްފަ އެވެ.

މިރޭގެ ޝޯގައި ހުރިހާ ބައިވެރިންގެ ލަވަތަކަށް ޖަޖުން ވަނީ ރަނގަޅު ކޮމެންޓްތަކެއް ކޮށްފައެވެ.

މިރޭގެ ޝޯގައި ލަވަ ހުށަހަޅައިދިން 8 ބައިވެރިން:

  • މުހައްމަދު ތަސްނީން (ބޮބް)

  • އިބްރާހިމް ވަހީދު (ބޮޑުބެ)
  • ޝަމްވީލް މުހައްމަދު
  • އަހްމަދު ނަބީލް
  • ހަމޫދު އަހުމަދު
  • އަހްމަދު ފަރަޝް
  • އައިޝަތު ޖައިޝާ
  • އަބްދުﷲ ހިޝާން

ބެލެނިވެރިންނަށް ހާއްސަ ކޮށްގެން ގެންދިޔަ ޝޯގައި ހާއްސަ ޖަޖެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ މުނިފޫހި ފިލުވުމުގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަަސައްކަތްކޮށްފައިވާ ލަވަކިޔުންތެރިޔެކެވެ. އެއީ އައިޑޮލްގެ ޖަޖުންގެ ތެރޭގައި ހިމެނޭ މަރިޔަމް އުނޫޝާ (ކިޑީ)ގެ މަންމަ ޝަފީގާ އަބްދުލް ލަތީފެވެ.

އަބްދުﷲ ހިޝާން

މިރޭގެ ޝޯގައި ވަނީ އުނޫޝާ އާއި އޭނާގެ މަންމަ، ޝަފީގާ އެއްކޮށް ވަރަށް އަސަރުގަދަ ލަވައެއް ހުށަހަޅައިދީފައެވެ.

އައިޑޮލްގެ މިރޭގެ ޝޯ ވަރަށް ހާއްސަ އެވެ. ސަބަބަކީ މާދަމާ ރޭގެ ޝޯގައި ދެ ބައިވެރިޔަކު ވަކިވެގެންދާނެއެވެ. މާދަމާ ރޭގެ ޝޯގައި އައިޑޮލްގެ ގަދަ ހައެއް ކަށަވަރުވާނެއެވެ. އައިޑޮލްގެ ގަދަ ހަޔަކަށް ގެންދިޔުމަށް އެންމެ ކަމުދާ ބައިވެރިޔަކަށް އެސްއެމްއެސް ކުރަމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މާދަމާ ރޭގެ ޝޯގައި އައިޑޮލްގެ ގަދަ ހައެއް ފާޅުކުރާނެއެވެ.