މާލެއިން ފުރައިގެން ށ. ފުނަދޫ އަށް ދަތުރުކުރި ދޯންޏެއް ކ. ކާށިދޫ ކައިރިން މުދަލާ އެކު އަޑިއަށްގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި އަޑިއަށް ދިޔައިރު އޭގައި ހަތަރު މީހުން ތިބި ކަމަށެވެ. އެ މީހުންނަށް އެއްވެސް ހާނިކައެއް ނުވާ ކަމަށާއި އެ މީހުން މިހާރު ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ 70 ފޫޓުގެ އެ ދޯނި އަޑިއަށް ދިޔައީ ދިޔަވެގެން ކަމަށެވެ. ނަމަވެސް ދޯނި އަޑިއަށް ދާވަރަށް ދިޔަވި ސަބަބެއް އަދި ނޭނގޭ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކާށިދޫގެ 12 ނޯޓިކަލް މޭލު ބޭރު ހުޅަނގުން އަޑިއަށްދިޔަ އެ ދޯނި ކާށިދޫއަށް ގެންދިއުމަށް އެމްއެންޑީއެފުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެ ދޯނި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.