ބަދު އަހުލާގީ އަމަލުތަކެއްގެ ތުހުމަތު ކުރެވިފައިވާ ހއ. ދިއްދޫ ތައުލީމީ މަރުކަޒުގެ އަންހެން ދަރިވަރާމެދު ނިކަމެތިކަން ލިބޭ ގޮތަށް ސަސްޕެންޑްކޮށް ދައުލަތުން އަމަލު ކޮށްފައި ވަނީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އިންސާނީ ހައްގުތައް ދަރިވަރުގެ ކިބައިން ނިގުޅިގެންދާ ގޮތަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް )އެޗްއާރްސީއެމް( އިން ބުނެފި އެވެ.

ދިއްދޫގައި ބަޔަކު މީހުން ރޭޕްކުރިކަމަށް ބުނާ އަންހެން ކުއްޖާ މިދިޔަ ހޯމަ ދުވަހު ސުކޫލަށް ނުކުތުމުން އެ ކުއްޖާގެ ކިޔެވުމަށް ހުރަސް އެޅޭ ގޮތަށް އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުން އަމަލުކޮށްފައިވާ ދަޑިވަޅުގައި އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނަނީ ދިއްދޫ ބަޔަކު ރޭޕް ކުރިކަމަށް ބުނާ 13 އަހަރުގެ އަންހެން ކުއްޖާ ސުކޫލަށް ނާދެވޭ ގޮތަށް ސުކޫލު ބޯޑުން ސަސްޕެންޑް ކޮށްފައިވަނީ ގަވާއިދާއި ހިލާފަށްކަމަށާއި ތަކުރާރުކޮށް އެ ދަރިވަރު ސުކޫލަށް ނެރުމަށް ސުކޫލް ބޯޑުގައި އެދުނު ނަމަވެސް އެކަމަށް އިޖާބަ ދީފައި ނުވުމަކީ ބައިނަލް އަގުވާމީ މުއާހަދާ ތަކާއި އަދި ރާއްޖޭގެ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރުން ކަމަށެވެ.

"... މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން މި ދަރިވަރު ސްކޫލަށް ނެރުމަށް ފޮނުވާފައިވާ ލިޔުމަށްފަހު ވެސް ދަރިވަރު ސުކޫލަށް ނެރެފައި ނުވާތީ، ފާއިތުވި ކޮންމެ ދުވަހަކީ ދިވެހިރާއްޖޭ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ލިބިދޭ އުގެނުމުގެ ހައްގުން އެ ދަރިވަރު މަހުރޫމް ކުރެވޭ ދުވަހެ )ކެވެ(،" ހިއުމަން ރައިޓްސް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

ބަދު އަހުލާގީ އަމަލެއް އެ ކުއްޖާ އާއެކު ހިންގި ކަމަށް ބުނާ މައްސަލައިގާ އެ ދަރިވަރު ގިނަ ދުވަސްތަކަކަށް ސަސްޕެންޑް ކުރި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށާފައިވަނީ އެ ކުއްޖާގެ އާއިލާއިން އެ ކޮމިޝަނަށް އެ މައްސަލަ ހުށަހެޅުމުންނެވެ.

ދިއްދޫގެ އަންހެން ކުއްޖާގެ މައްސަލައިގާ ހެލްތް މިނިސްޓްރީން ރާއްޖޭގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާފަރާތްތަކަށް މިއަދު ފާޑު ކިޔާފައި ވަނިކޮށް ހިއުމަންރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކުއްޖާ އަލުން ސުކޫލަށް ނުކުތުމުން އެ މައްސަލައިގާ ތުހުމަތު ކުރެވޭ ކުދިން ސުކޫލު ތެރެއަށް ވަދެ އެ ކުއްޖާ އާއި ދިމައަށް ހުތުރު ބަހުން މުހާތަބުކޮށް އެ ދަރިވަރު ކުލާހުގައި ކޮޅަށް ބެހެއްޓި މައްސަލަ އެޗްއާރްސީއެމްއިން ވަގުތުން ހުއްޓާލުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގާ އަމުރުކޮށްފައިވާކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް ކޮށް މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.

"... އަދި 05 ޖުލައި 2011 ވަނަ ދުވަހު ސުކޫލަށް ދިއުމުން މައްސަލައިގާ ތުހުމަތުކުރެވޭ ކުދީންތައް ސުކޫލްގެ ތެރެއަށްވަދެ ދަރިވަރާ ދިމާއަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔާ ދަރިވަރު އިށީނުމަށް ގޮނޑި ނުދީ ހިފަހައްޓާ އިންޓަވަލް ގަޑިއާއި ޖެހެންދެން މި ދަރިވަރު ކޮޅަށް ބަހައްޓާފައިވެ އެވެ،" އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމްވަނީ އަންހެން ކުއްޖާގެ އަސާސީ ހައްގުތަށް ގެއްލުނު މައްސަލައިގާ އެޑިޔުކޭޝަނުން ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން ތިން ސޮފްހާގެ އެ ބަޔާން ނިންމާލަމުން ބުނެފައިވަނީ "ދަރިވަރުން އެހެން ސުކޫލަކަށް ވެއްދުމަށް އެޑިޔުކޭޝަންގެ ފަރާތުން ބެލެނިވެރިޔާއާ ވާހަކަ ދައްކާފައިވާކަން. މިއީ މައްސަލައިގެ ހައްލު ނޫންކަމަށް މި ކޮމިޝަނުން ގަބޫލު ކުރާ،" ކަމަށެވެ އަދި ބުނަނީ "ކޮމިޝަންގެ ބައްދަލުވުންތަކަށްފަހު ވެސް މިކަމުގައި އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ" ކަމަށެވެ.

ދިއްދޫބަޔަކު ކުޑަ އެ އަންހެން ކުއްޖާ ރޭޕުކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރުމުންވެސް އެރަށުން ބަޔަކު ނިކުމެވަނީ އެމީހުން ދޫކޮށްލުމަށް ގޮވާ ރަށުގައި ހަމަނުޖެހުން ހިންގާފަ އެވެ.