07 Apr 2017, 22:53
ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިންގެ ސިއްހީ ހާލަތު ހުރި ގޮތުން، ވައި ދަތުރު ކުރެވޭ ގޮތަށް ހަދާފައިވާ ތަނެއްގައި އޭނާ ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރުގައި ބުނެފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދަށް ހަ ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖެހީ މިއަދު ހަވީރުއެވެ.
ގާސިމްގެ ލޯޔަރުންގެ ޓީމުން މ. ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ލޯޔަރުންގެ ޓީމުގައި ހިމެނިވަޑަައިގަންނަވާ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން ގޭ ބަންދުގައި ބެހެއްޓުމަށް ކޯޓުގައި އެދުނު ކަމަށާއި ނަމަވެސް ގާޒީ ނިންމެވީ ރަނގަޅަށް ވައި ދައުރުވާނެ ތަނެއްގައި ބެހެއްޓުމަށް ކަމަށެވެ.
"އޭގެ އިތުރުން އެބޭފުޅާ ބަންދު ކުރައްވާފައި ހުރި ތަން ބަދަލުކޮށް ރަނގަޅަށް ވައި ދައުރުވާ ތަނެއްގައި ބެހެއްޓުމަށް ވެސް އަމުރު ކުރެއްވި،" އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުހުންގެ ބަންދުގައި ބަހައްޓަން މިއަދު އަމުރުކުރި ނަމަވެސް އޭނާއާ ދެކޮޅަށް ފުލުހުންނަށް އެއްވެސް ހެއްކެތް ހުށަހެޅިފައި ނުވާ ކަމަށާއި ބަންދުގެ މުއްދަތު އިސްތިއުނާފް ކުރާނެ ކަމަށް ވެސް ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ވަނީ ބުނެފަ އެވެ.
އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު މަސްތޫރު ހުސްނީ ވިދާޅުވީ ގާސިމް ބަންދުގައި ބަހައްޓަން ކުރި އަމުރު އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ވީ އެންމެ އަވަހަކަށް އެ މައްސަލަ އިސްތުއުނާފަށް ހުށަހަޅާނެ ކަމަށެވެ.
"ޝައްކެތް ވެސް ނެތް ބޮޑެތި ކަންތައްތަކެއް އެބަހުރި އަޅުގަނޑުމެން އިސްތުއުނާފް ކުރަން ޖެހޭ،" މަސްތޫރު ހުސްނީ ވިދާޅުވި އެވެ.
ހިސާން ހުވިދާޅުވީ ގާސިމް ރޭ ހައްޔަރު ކޮށްފައި ވަނީ އިންޓަލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި މުއްދަތުގެ މަޖިލީހުގައި ވެސް ފުލުހުންނަށް އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށެވެ.
ގާސިމްގެ މައްޗަށް ފުލުހުން ހަތަރު ތުހުމަތެއް ކުރެ އެވެ. އެއީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތް ކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނަގަން އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށެވެ. އަދި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ އަމަލުތަކެއް ކުރި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށްކޮށްފައިވެ އެވެ.
"އިންޓަލިޖެންސް ރިޕޯޓްގެ މައްޗަށް ބިނާކޮށް އެ ބޭފުޅާ ހައްޔަރުކޮށްފައިވާއިރު އަދި މިއަދު އެބޭފުޅާގެ ބަންދުގެ މުުއްދަތު އިތުރުކުރުމަށް ވެސް ފުލުހުން އެދިވަޑައިގަތީ ހަމަ އެ އިންޓަލިޖެންސް ރިޕޯޓްގެ މައްޗަށް ބިނާކޮށް،" ހިސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޓަލިޖެންސް މައުލޫމާތުތަކަށް ބުރަވެ ފުލުހުން ހުށަހަޅާފައި ވަނީ ހެކި ނައްތާލާއި ހެއްކަތް ނުފޫޒު ފޯރުވުމާއި މުޖްތަމައުއަށް ނުރައްކަލަކަށް ހުރި މީހަކަށް ގާސިމް ވާތީވެ ބަންދުގައި ބަހައްޓައި ދިނުމަށެވެ.
"އަޅުގަނޑުމެން މިއަދު ވެސް ފާހަގަ ކުރިން ޝަރީއަތުގެ މަޖިލީހުގައި، ފުރަތަމަ ކަމަކަށް މި މައްސަލައަކީ ގާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވި ހިނގަމުންދާ މައްސަލައަކަށް ނުވާތީވެ ހަގީގަތުގައި މި މައްސަލާގައި އެއްވެސް ހެއްކެއް ނެތޭ. ނެތް ހެއްކެއްގެ މައްޗަށް ފޯރުވާނެ ނުފޫޒެއް ނުވަަަތަ ފޮރުވާނެ ހެއްކެތް ނޯއްނާނެއޭ،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުުވީ ބަންދުގައި ބަހައްޓަން އަމުރު ކުރި ހަ ދުވަހުގެ މުއްދަތުގައި ފުލުހުން ކޯޓަށް ހެެކި ހުށަހަޅަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށެވެ.