07 Apr 2017, 21:19
ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒު ކުރިމަތީ އޮންނަ މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން ވަނީ މިރޭ ގާތްގަނޑަކަށް 7:30 އެހާކަންހާއިރު އެ މިނިސްޓްރީގެ ބުލްޑޯޒަރަކާއި ޕިކަޕެއް ކުނޫޒުގެ ކުރި މައްޗަށް އޮންނަ ފަނޑިޔާރު މަގަށް ވައްދައި އެ މަގުގައި މަސައްކަތްތަކެއް ކުރުމަށް ފަށާފަ އެވެ. އަދި އެ މަގު ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާއިރު މަސައްކަތް ކުރާ މީހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކުނޫޒު ކުރިމަތީގައި އޮންނަ ފަނޑިޔާރުމަގު ހެދުމަށް ކަމަށް ބުނެ އެ މަގަށް ހައުސިން މިނިސްޓްރީގެ ވެހިކަލްތައް ވައްދާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ހުސައިން ވިދާޅުވީ، ކުނޫޒު ކުރިމަތީގައި އޮންނަ ފަނޑިޔާރު މަގަކީ މަޖީދީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން ތަރައްގީ ކުރަން ކުރިން ވެސް ނިންމާފައިވާ މަގެއް ކަމަށެވެ.
އެ މަގު ތަރައްގީ ކުރަނީ މަޖީދީމަގާ ގުޅިފައި އޮންނަ މަގަކަށް ވާތީ ކަމަށާއި ނަމަވެސް އެ މަގު ތަރައްގީ ކުރަން ވަކި ދުވަހެއް ކަނޑައަޅާފައި ނޯންނާނޭ ކަމަށް ވެސް ފަޒާލް ވިދާޅުވިއެވެ.
މަޖީދީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން މިހާރު މަގު ހަދަމުން ދަނީ ސެގްމެންޓް ފަހެއްގައި ހިމެނޭ މަޖީދީމަގުގައި ހުންނަ ރެޑްވޭވް ފިހާރަ ކައިރިއެވެ.

ކުނޫޒު ކުރިމަތީގައި އޮންނަ ފަނޑިޔާރުމަގު ހެދުމަށް ކަމަށް ބުނެ އެ މަގު ބެރިކޭޑް ޖަހައި ބަންދުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހައުސިން މިނިސްޓްރީން ކުނޫޒު ކުރިމަތީގައި މަސައްކަތްތަކެއް ކުރުމަށް ވެހިކަލްތައް ވައްދާފައި މި ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާތީ، އިދިކޮޅު ފަރާތްތަކުން ސީދާ ހަރަކާތްތައް ހިންގާނޭކަން އިއުލާން ކޮށްފައިވަނިކޮށެވެ.