07 Apr 2017, 20:25
މިނިވަން ޗެމްޕިއަންޝިޕްގައި ކުރެންދޫ ބަލިކޮށް، ޅ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށް ކަމަށްވާ އޮޅުވެލިފުށިން އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޅ. އަތޮޅުގެ ޗެމްޕިއަންކަން 700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އޮޅުވެލިފުށިން ހޯދީ، އެ އަތޮޅު ބުރުގެ ފައިނަލުގައި 2000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުރެންދޫ މައްޗަށް 2-0 ލަނޑުން ކުރި ހޯދައިގެންނެވެ.
މިއަދު ހަވީރު އޮޅުވެލިފުށި ދަނޑުގައި ކުރިއަށްދިޔަ ޅ. އަތޮޅުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އޮޅުވެލިފުށްޓަށް އަހްމަދު ނިޒާމް ލީޑު ހޯދައިދިންއިރު، އޭގެ 10 މިނެޓްފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިޔާޒް އިލްޔާޒްއެވެ. އެ މެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތުކޮޅު ތެރޭގައި ކުރެންދޫގެ މުހައްމަދު އަހްމަދަށް ރަތް ކާޑެއް ވެސް ދައްކާފައިވެއެވެ.
ފައިނަލް މެޗުގެ ކުރިން ވެސް އޮޅުވެލިފުށްޓާއި ކެރެންދޫގެ ކުރިމަތިލުމެއް ފެނިގެންދިޔައެވެ. ކުރެންދޫއިން ފައިނަލްގެ ޖާގައެއް ލިބުނީ އޮޅުވެލިފުށި އަތުން އެއްވަރުވުމާ ގުޅިގެންނެވެ. އެ މެޗުގެ ކުރިން ނައިފަރު އަތުން ވެސް ކުރެންދޫއިން ޕޮއިންޓެއް ހޯދާފައިވެއެވެ. ޅ. އަތޮޅު ބުރުގައި އޮޅުވެލިފުށި ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ވަނީ ނައިފަރު ބަލިކޮށްފައެވެ.
އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ނައިފަރަށް ފައިނަލުގެ ޖާގައެއް ހޯދިފައި ނުވެއެވެ. ނައިފަރަކީ 5000އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ހިންނަވަރުން މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. ހިންނަވަރަކީ 2400އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އޮޅުވެލިފުށިން ޒޯން ބުރުގައި ވާދަކުރަން ޖެހޭނީ ބ. އަތޮޅުގެ ޗެމްޕިއަނުންނާއި ރ. އަތޮޅުގެ ޗެމްޕިއަނުންނާއެވެ.