މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ބަލިކަމުގައިވިޔަސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި މެޗުގައި ފެނިގެންދިޔައީ އެކްލަބުގެ ކުރީގެ ކޯޗު މުހައްމަދު އާތިފް (އާތި)ގެ މަސައްކަތް ކަމަށް ޔޫވީގެ އެސިސްޓަންޓް ކޯޗު އަލީ ހަސަން ބުނެފިއެވެ.

މިއަދު ހަވީރު ކުޅުނު މާލޭ ލީގު މެޗުގައި ޓީސީ އަތުން ޔޫވީ ބަލިވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން ޔޫވީ ކުޅުނު ދެ މެޗުން ވެސް ޔޫވީ ވަނީ ބަލިވެފައެވެ.

މިއަދުގެ މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން އަލީ ހަސަން ވަނީ ލީގުގައި އެޓީމު ކުޅުނު ފުރަތަމަ ދެ މެޗަށްފަހު މަގާމުން އިސްތިއުފާދިން ކޯޗު އާތިއަށް ތައުރީފްކޮށްފައެވެ. އާތިއަކީ ޔޫވީއަށް މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމު ހޯދައިދިން ކޯޗެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއަދުގެ މެޗުގައި އަޅުގަނޑުމެންގެ ޓީމު ވަރަށް ރަނގަޅަށް ކުޅެފި. އަސްލު މި ފެނިގެންދިޔައީ އާތި ކޯޗު ކޮށްފައިހުރި މަސައްކަތްތައް. އަޅުގަނޑު މިތަނުގައި ހުރުމުން ހީވެދާނެ އަޅުގަނޑޭ ހުރިހާ ކަމެއް ކުރީ. އެކަމަކު ހުރިހާ ކަމެއް ކުރީ އާތީ ކޯޗު. ޕްރެކްޓިސްގައި ވެސް ބޭނުންކުރި އާތީ ކޯޗު ބޭނުންކުރި އެއްޗެހި،" އޭނާ ބުންޏެވެ.

ޔޫވީގެ އެސިސްޓަންޓް ކޯޗު އަލީ ހަސަން ބުނީ، މެޗުގައި ޖުމްލަކޮށް އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި މެޗަށް ނުކުތީ ޕޮއިންޓެއް ނަމަވެސް ހޯދަން ކަމަށެވެ. އަދި ކްލަބުގައި ކުދިކުދި މައްސަލަތަކެއް އުޅޭތީ އެކަންތައްތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކަށްވީ އެއް ޕޮއިންޓް ނަމަވެސް ހޯދަން. އެކަމަކު އެކަމެއް ނުވި. އަހަރެމެންނަށް ލަނޑުޖަހަން ފުރުސަތުތަކެއް ވެސް ލިބުނު. ކުޅުންތެރިންގެ މޯޓިވޭޝަން އިތުރަށް ރަނގަޅު ކުރުމަށް މެނޭޖްމަންޓުން ވެސް މަސައްކަތްކުރޭ. ކޮންމެ ކްލަބެއްގައި ވެސް ކުދިކުދި މައްސަލަތަކެއް އުޅޭނެ. އަޅުގަނޑުމެންގެ ވެސް ކުދިކުދި މައްސަލަތައް އެބައުޅޭ. އެ މައްސަލަތައް ރަނގަޅުކޮށް، އާ ކޯޗު ޓީމާ ހަވާލުވީމާ މިއަށްވުރެ ރަނގަޅުވާނެ ކަމަށް އަޅުގަނޑު މި ބަލަނީ،" އޭނާ ބުންޏެވެ.

މާލޭ ލީގުގައި ޔޫވީ ކުޅޭ ހަތަރު ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު އެ ޓީމު ނުކުންނަން ޖެހޭނީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުންދާ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.