07 Apr 2017, 20:06
ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މާލޭ ލީގުގައި ދެވަނަ މޮޅު ހޯދައިފިއެވެ.
މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔޫވީގެ މައްޗަށް ޓީސީން ކުރި ހޯދާފައި ވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. ލީގުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން ވެސް މޮޅުވެފައިވާއިރު، ޔޫވީ ކުރިން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ފުރަތަމަ ހާފުގައި ޓީސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ނާއިޒް ހަސަން (ދާދު)އާއި، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ބިދޭސީ ފޯވަޑް ސްޓެވާޓް ކޯނެލިއަސްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަލީ ނާފިއުއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކޯނެލިއަސް ނަގައިދިން ހުރަސް، ޔޫވީގެ ކީޕަރު އަމިރޯވް ރުސްލާން ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ. އެ ލަނޑަށްފަހު ފޭދޫ އިއްބެ އާއި ކޯނެލިއަސްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްލުމަށް ޔޫވީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނާވީ މުހައްމަދު ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ އިބްރާހިމް ސަފްރާޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކޯނެލިއަސްއަށް އިބްރާހިމް މައިސާން ކުރި ފައުލަކާ ގުޅިގެން ޓީސީއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް ޓީސީގެ ނާފިއު ފޮނުވާލި އެ ޕެނަލްޓީ އަމާޒުވީ ޔޫވީ ގޯލުގެ މަތީ ދަނޑިއަށެވެ.
މެޗުގައި ޓީސީން ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ނާފިއު ދިން ރީތި ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އަލީ ނަސޫހު ރަޝީދެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މާލޭ ލީގުގެ މެޗެއް މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.