05 Jul 2011, 18:37
ބޯހިޔާވަހިކަން ތަރައްޤީ ކުރަން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މާލެއާއި ހުޅުމާލެ އިން ދޫކުރަން ހަމަޖައްސާފައިވާ ގޯތިތަކަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އޭ ކެޓަގަރީއަށް ނިސްބަތްވާ ގޯތި އަދި ހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެތަންތަން ލިބޭނެކަމުގެ ޔަގީކަން އަންނަ ހަފުތާގެ ތެރޭގައި ދޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން، މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ތަނަވަސް ބޯހިޔާވަހިކަމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާތަނަށް ދިޔައިރު ކަންކަން ހިނގަމުންދާ ގޮތް ބަޔާންކޮށް ރައީސް އޮފީހުން މިއަދު އާއްމުކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ތަނަވަސް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 19،900 އަށްވުރެ ގިނަ ފޯމް ބަލައިގެންފައިވާ ކަމަށާއި މިހާރު ފުރަތަމަ ފިޔަވަހީގެ އޭ ކެޓަގަރީގެ )މާލެއިން ކުދިކުދި ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް ނިސްބަތްވާ ކެޓަގަރީގެ( ފޯމުތައް މައުލޫމާތުތައް ސާފުކޮށް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެފަރާތްތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ 250 ގޯތި، ހުޅުމާލެއިން ފާހަގަކޮށް، ލޭންޑް ޔޫސް ޕްލޭން ނިމިފައިވާ ކަމަށާއި ހުޅުމާލޭގަ އާއި މާލޭގައި ފްލެޓް އެޅުމުގެ މަސައްކަތް އަމަލީގޮތުން ފެށިފައިވާތީ، އެ ކެޓަގަރީއަށް ހުޅުމާލެއިން ބޭނުންވާ 250 ފްލެޓާއި، މާލެއިން ބޭނުންވާ 500 ފްލެޓް ލަސްތަކެއްނުވެ، އިމާރާތްކޮށް ނިމޭނެ ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ގޯއްޗަށާއި ހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާތީ ވެށިފަހި މާލެ ޕްރޮގްރާމްގެ ސްޓިއަރިން ކޮމިޓީން ނިންމާފައިވާ ގޮތުގެ މަތިން، ފޯމުތައް ދިރާސާކުރާއިރު، އެކަން ހިނގާ ނުހިނގާގޮތް ބެލުމަށް ހަމަޖައްސަންޖެހޭ އޯވާސައިޓް ކޮމިޓީއަށް ބޭނުންވާ އާންމު ރައްޔިތުންގެ ތެރެއިން ހޮވާ ދެ މެންބަރުން ވެސް އިއްޔެ ގުރުއަތުން ހޮވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން އެކޮމިޓީގައި ހިމެނިވަޑައިގެންނަވާ އާއްމު މެންބަރުންނަކީ ހ. ރީނދޫކޮކާގެ
އައިޝަތު ހުސައިން މަނިކާއި މއ. ރެޑްރޯސް ހުޅަނގުބައި މުހައްމަދު ޢަފީފެވެ.
މީގެއިތުރުން އެ ކޮމިޓީގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުން ހިމަނާ ފަރާތްތައް ވެސް ހަމަޖެހިފައިވާ ކަމަށްވެސް އެ ނޫސްބަޔާނުގައިވެ އެވެ. އެބޭފުޅުންނަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ފާތުމަތު ނުޒުހާ އާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓް އަކްރަމް ކަމާލުއްދީންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ސާދިގާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝުއައިބު އަލީ އެވެ. އަދި މާލެސިޓީ ކައުންސިލުން ވެސް ބޭފުޅަކު ހޮވާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެމަސައްކަތް ހިނގާނެ ދާއިމީ އޮފީހެއް މިމަހުގެ 10 ގައި ހުޅުވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ބީ އަދި ސީ ކެޓަގަރީގެ ފޯމުތަކުގެ މަސައްކަތް އަންނަ ހަފްތާގައި ފެށިގެންދާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.