ދިމިޝްގު (އެޕްރީލް 7): އެމެރިކާއިން ސޫރިޔާގެ ޝުއައިރާތު ވައިގެ ބޭހަށް ވަރުގަދަ ހަމަލާތަކެއްދީ އެތަނުގެ ބޮޑު ބައެއް ހަލާކުކޮށްލައިފިއެވެ.

ސޫރިޔާގެ ހުޅަނގުގެ ޙިމްސް ގަވަނޭޓްގައިވާ ޝުއައިރާތު ވައިގެ ބޭހަކީ ސޫރިޔާ ސިފައިން ބޭނުންކުރާ އަސްކަރީ އެއަރޕޯޓެއް އޮންނަ ބޭހެކެވެ. އެތަނަށް ހަމަލާދިނީ މެޑިޓަރޭނިޔަން ކަނޑުގެ އިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ދެ މަނަވަރަކުންނެވެ. ހަމަލާދިނުމަށް ބޭނުންކޮށްފައި ވަނީ ކުރުރާސްތާގެ ކްރޫޒް މިސައިލްތަކެކެވެ. ޝުއައިރާތު ވައިގެ ބޭހަށް އެމެރިކާ އިން 59 ކްރޫޒް މިސައިލް ފޮނުވާލިއިރު މީގެތެރެއިން ބައެއް މިސައިލްތައް އަމާޒަށް ވާސިލްވެފައިނުވާ ކަމަށް ސޫރިޔާގެ އަސްކަރީ ބަޔާނެއް ބުނެއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ހުއްދައަކާ ނުލައި އެމެރިކާ ދިން މިޙަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ޚިލާފަށް ސޫރިޔާގެ މިނިވަންކަމާއި އިސްތިގްލާލަށް އަރައިގަތުން ކަމަށް ވެސް މިބަޔާން ބުނެއެވެ. އެމެރިކާގެ ހަމަލާތަކުގައި ސޫރިޔާ ސިފައިންގެ 5 މީހުން މަރުވެ 7 މީހުން ޒަޚަމްވެފައިވެފައިވާއިރު ޝުއައިރާތު ވައިގެ ބޭހުގައިވާ އަސްކަރީ އެއާޕޯޓްގެ ރަންވޭވަނީ މަރާމަތާނުލައި އެތަން ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ.

އެމެރިކާއިން މިޙަމަލާތައް ދިނީ ސޫރިޔާގެ ރަށެއްކަމަށްވާ ޚާން ޝައިޚޫން އަށް މިދިޔަ އަންގާރަދުވަހު ދިން ކެމިކަލް ގޭހުގެ ހަމަލާތަކުގެ ޒިންމާ ސޫރިޔާ ސަރުކާރުގެ ބޮލުގައި އެޅުވުމަށްފަހުގައެވެ. އެ ހަމަލާތަކުގައި 71 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވާއިރު އެ ހަމަލާތައް ދިނީ ކޮންފަރާތަކުންކަން އެއްވެސް ތަހްގީގަކުން ސާފުވެފައެއް ނުވެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އެމެރިކާއިން ސޫރިޔާއަށް ކްރޫޒް މިސައިލުން ޙަމަލާތައް ދީފައި މި ވަނީ ޚާން ޝައިޚޫން އަށް ދިން ކެމިކަލް ހަމަލާއާ ގުޅިގެން ސޫރިޔާ ސަރުކާރު ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް އެމެރިކާ ނުކުޅެދިފައިވަނިކޮށެވެ. އެޙަމަލާތަކުގެ ޒިންމާ ސޫރިޔާ ސަރުކާރުގެ ބޮލުގައި އަޅުވައި ސޫރިޔާ ސަރުކާރު ކުށްވެރިކޮށް ގަރާރެއް ފާސްކުރުމަށް އެމެރިކާ ނުކުޅެދިފައިވަނީ އެފަދަ ގަރާރަކާ ދެކޮޅަށް ވީޓޯގެ ބޭނުންކުރާނެކަމުގެ ނުސީދާ އިޝާރާތެއް ރަޝިޔާ ދިނުމާ ގުޅިގެންނެވެ.

ރަޝިޔާގެ އިންޒާރަށްފަހު އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޫރިޔާގެ މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލިސް ނުކުޅެދިއްޖެނަމަ އެމެރިކާ އެކަނިވެސް ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަންނާނެ ކަމުގެ އިންޒާރެއް ދެއްވާފައެވެ.

މިއަދު އެމެރިކާއިން ސޫރިޔާގެ އަސްކަރީ ބޭހަށް ދިން މިސައިލް ހަމަލާތަކަށްފަހު ޓްރަމްޕް ވަނީ ސޫރިޔާއަށް މަދުއަދަދެއްގެ ހަމަލާތަކެއް ދިނުމަށް އެމެރިކާ ސިފައިންނަށް އޭނާ އަމުރުކުރައްވާފައިވާނެ ކަމަށާ މިއީ ބައްޝާރުގެ ސަރުކާރުން ސޫރިޔާ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެމެރިކާގެ ހަމަލާތަކަށް ރަޝިޔާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ކްރެމްލިން އިން ބުނީ އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އެމެރިކާ އާއި ރަޝިޔާގެ ގުޅުންތަކަށް ވަރަށް ބޮޑަށް ބުރޫ އަރައިފި ކަމުގައެވެ. އަދި އެމެރިކާގެ ހަމަލާތަކުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގެ އިންޒާރުވެސް ކްރެމްލިން އިން ދީފައިވެއެވެ. އެމެރިކާގެ ހަމަލާތަކަށްފަހު ރަޝިޔާއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ.

އެމެރިކާ ސޫރިޔާއަށް ދިން ވައިގެ ހަމަލާތައް އީރާނާއި ރަޝިޔާއާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކާއި ޗައިނާއިން ކުށްވެރިކޮށްފައިވާއިރު އިސްރާއީލާއި ސައޫދީ އަރަބިޔާއާއި ގަތަރާއި ތުރުކީއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންވަނީ އެމެރިކާގެ ހަމަލާތަކަށް ތާއީދުކޮށް އެޙަމަލާތަކަށް މަރުހަބާ ކިޔާފައެވެ. (ނޫސްއެޖެންސީތައް)