07 Apr 2017, 14:17
ބޮކްސްއޮފީހުގެ ހުރިހާ ރެކޯޑެއް މުގުރާލި، އާމިރު ޚާންގެ ފިލްމު 'ދަންގަލް' ޕާކިސްތާނުގައި ރިލީޒް ނުކުރުމަށް ނިންމައިފި އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެ، ބޮލީވުޑު ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާ ކުރުމަށް ފަހު، މިހާރު އަންނަނީ މަދުން ނަމަވެސް ބޮލީވުޑު ފިލްމުތައް ރިލީޒް ކުރަން ފުރުސަތު ދެމުންނެވެ.
އެއާއެކު ޕާކިސްތާނުގެ ގިނަ ޑިސްޓްރިބިއުޓަރުން ވަނީ އެ ގައުމުގައި ފިލްމު ރިލީޒް ކުރުމަށް ފިލްމުގެ ލީޑު އެކްޓަރު އަދި ކޯޕްރޮޑިއުސަރު އާމިރު އާ ވާހަކަ ދައްކަން ފަށައިފަ އެވެ. އަދި އާމިރު ވެސް ކުރިން ހުރީ 'ދަންގަލް' ޕާކިސްތާނުގެ ސިނަމާތަކުގައި ދައްކަން ފުރުސަތު ދިނުމަށެވެ.
ނަމަވެސް މިހާރު މިވަނީ ޕާކިސްތާނުގައި ފިލްމު ރިލީޒް ނުކުރާނެ ކަމަށް ބުނެފަ އެވެ. އާމިރު އެގޮތަށް ނިންމީ، ޕާކިސްތާނީ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެންސަރސް އިން އެ ފިލްމުގެ ދެ މަންޒަރެއް އުނިކުރުމަށް އެންގުމުންނެވެ.
ޚަބަރުތައް ބުނާ ގޮތުން، ސެންސަރު ބޯޑުން އުނިކުރަން އަންގާފައި ވަނީ އިންޑިއާގެ ދިދަ އަދި އިންޑިއާގެ ގައުމީ ސަލާމް މިޔާ މަންޒަރެވެ.
"އެއީ ފިލްމުގެ ވަރަށް މުހިންމު ދެ މަންޒަރު. އެ ދެ މަންޒަރުގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ ގައުމަކަށް ގެއްލުމެއް ނުވާނެ. އާމިރަށް ގަބޫލު ކުރެވުނީ އެއީ ވަރަށް ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށް. އެހެންކަމުން ފިލްމު ރިލީޒް ނުކުރަން ނިންމީ،" އާމިރުގެ ތަރުޖަމާނު ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރި ދަންގަލް އަށް ވަނީ އިންޑިއާ އާއި އެ ގައުމުން ބޭރުން 532 ކުރޯރަށް ވުރެ ބޮޑު އާމްދަނީ އެއް ލިބިފަ އެވެ.
'ދަންގަލް' އަކީ ފައިސާގެ ދަތިކަމުގެ ސަބަބުން، ރެސްލިންގައި އިންޑިއާ އަށް ރަން މެޑައްޔެއް ހޯދައި ދިނުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލަން ޖެހުނު ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
އެ ފިލްމުގައި ފެނިގެން ދާނީ މަހާވީރު (އާމިރު)ގެ ހުވަފެން ހަގީގަތަކަށް ހަދައި އިންޑިއާ އަށް ރެސްލިންގައި ފުރަތަމަ، ރަން މެޑަލް ހޯދައިދިން އޭނާގެ އަންހެން ދަރިފުޅު ގީތާ އާއި ރެސްލިންގައި ރަން ވަނަތަކެއް ހޯދައިފައިވާ އޭނާގެ ދެވަނަ އަންހެން ދަރިފުޅު ބަބީތާގެ ހަޔާތުގެ ވާހަކަތަކެެވެ.