ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތަކަކީ، ގައުމެއްގެ ތަރައްގީއަށް ހުރަސްއަޅާ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ދެއްވި ޚިތާބުގައި، ހެލްތު މިނިސްޓަރު ވިދާޅުވީ، ޑިޕްރެޝަން ނުވަތަ ނަފްސާނީ ބަލިތަކުގެ ސަބަބުން އެތައް ގިނަ ގޮން ޖެހުންތަކާ ކުރިމަތި ލާން ޖެހޭ ކަމަށެވެ.

"ނަފްސާނީ މައްސަލަތަކަކީ، ގައުމަކަށް ކުރިމަތިވެދާނެ އެންމެ ބޮޑު އެއް ގޮންޖެހުން. މިއީ ގައުމުގެ ކުރިއެރުމަށާއި ތަރައްގީއަށް ގައުމުގެ ރައްޔިތުންގެ މަންފާ އާއި ދުޅަހެޔޮކަމަށް ހުރަސްއަޅާ އެއް މައްސަލަ،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ބަލީގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ ކަމަކަށް މިކަމުގެ އަސަރުކޮށް ޒިންމާތައް އަދާނުކުރެވި މީހާ ބަލިމަޑުކަމެއްގެ ތެރެއަށް ގެނބިގެންދާ ކަމަށެވެ. އަދި އެ ގޮތަށް ދިމާވަނީ، މީހާގެ އަގީދާ ބަލިކަށިވުމާއި، ހޭލުންތެރިކަން ދަށްވުން ފަދަ ކަންކަން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގައި 322 މިލިއަން މީހުންނަށްވުރެ ގިނަ މީހުން ނަފްސާނީ ބަލީގެ ޝިކާރައަށް ވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މިދިޔަ އަހަރު އާސަންދައިން ގާތްގަނޑަކަށް 3.3 މިލިއަން ރުފިޔާ ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ހަރަދުކޮށްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ފާއިތުވެ ދިޔަ އަހަރުތަކުގައި އައިޖީއެމްއެޗުން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 5000 މީހުން ނަފްސާނީ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީއާއި ކަމާ ބެހޭ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތައް ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތެއް އެކުލަވާލާފައިވާއިރު، އެ ސިޔާސަތުގެ ލަނޑުދަންޑިތައް ހާސިލް ކުރުމަށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވެފައިވެ އެވެ.

"(ދުޅަހެޔޮކަމުގެ) ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި އެކްޝަން ޕްލޭނެއް އެކުލަވާލެވި މިހާރު އަޅުގަނޑުމެން މިތިބީ އަމަލީ ގޮތުން މި މަސައްކަތްތައް ފެށުމުގެ މަރުހަލާގައި. ނަފްސާނީ ދުޅަހެޔޮ ކަމަށް ފަރުވާ އާއި އެހީތެރިކަން ކަށަވަރު ކުރުމަށްޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު އަޅުގަނޑުމެން ވަނީ ފަށާފައި،" މިނިސްޓަރުގެ ހިތާބުގައި ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރުގެ ހިތާބުގައި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު އައިސް، އަވަށްޓެރިންނާއި ރަހްމަތްތެރިންގެ ގުޅުންތައް ކުޑަވަމުން ދާކަމަށާއި، އެކަންކަމުގެ ސަބަބުން ގައުމަށް އަސަރު ކުރާކަމަށް ވިދާޅުވެ، އިޖްތިމާއީ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަށް ގޮވައިލެއްވި އެވެ.