އައިޖީއެމްއެޗާއި އެއްފެންވަރަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރަން ކުރެވިދާނެ ކަންކަން ބަލަން ދިރާސާކުރަން ސަރުކާރުން ނިންމައިފި އެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ އެމަޖިލީހުގެ ޖަލްސާގައި، އެ ގޮތަށް ނިންމީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާތައް ކުރުމަށް ފަހު އެވެ.

އެގޮތުން ޞިއްޙީ ދާއިރާގައި ހުރި މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ސްޓިއަރިން ކޮމިޓީއެއްވެސް މިއަދުގ ވަނީ އުފައްދާފަ އެވެ.

ޑެންގީ ހުމުގެ ރޯގާ ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން ވެސް ވަޒީރުން މަޝްވަރާކޮށް އަދި މާލެއާއި ރަށްރަށުގައި ފެން ހިފެހެއްޓި، މަދިރި އާލާވާ ގޮތަށް ހުރި ތަންތަނާ ގުޅޭގޮތުން ޢަމަލުކުރާނެ އުޞޫލެއް އެކުލަވައިލެއްވުމަށްވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އޮފީސް ފޯ ކައުންޓަރިން ޓެރަރިޒަމްގެ ނަމުގައި އާ އޮފީހެއް އުފެއްދެވުމަށް ވެސް ސަރުކާރުން މިއަދު ވަނީ ނިންމާފަ އެވެ. އާ އޮފީހަކީ ރާއްޖެއަށް ދިމާވާ ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވާން، އަދި ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލުކޮށް ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް މަސައްކަތްކުރާ އޮފީހެކެވެ.

ޤާނޫނުއަސާސީގެ 106 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން، އުފައްދާ މިއޮފީސް ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބެއްލެވުމުގެ ދަށުންނެވެ.