07 Apr 2017, 11:43
ބޮރޫޝިއާ ޑޯޓްމަންޑްގެ ފުލް ބެކް ލޫކަސް ޕިޒްޗެކް، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ޖޫން 2019ގެ ނިޔަލަށް އާކޮށްފިއެވެ.
ހާތާ ބާލިންއަށް ކުޅުމަށްފަހު 2010 ވަނަ އަހަރު ޑޯޓްމަންޑްއާ ގުޅުނުތާ ގިނަ ދުވަސްތަކެއްނުވެ، އެކްލަބުގެ އެންމެ މުހިންމު ކުޅުންތެރިންގެ ލިސްޓުން ޕިޒްޗެކް ވަނީ ޖާގަ ހޯދައިފައެވެ.
އުމުރުން 31 އަހަރުގެ ޕޮލެންޑް ޑިފެންޑަރު ޕިޒްޗެކް ވަނީ މިސީޒަނުގައި ޑޯޓްމަންޑް ކުޅުނު 39 މެޗުގެ ތެރެއިން 31 މެޗުގައި ކުޅެފައެވެ. އެ މެޗުތަކުގެ ތެރެއިން އޭނާ ވަނީ ފަސް ލަނޑު ކާމިޔާބުކޮށް، ދެ ލަނޑު ޖަހައިދިނުމަށް މަގުފަހިކޮށްދީފައެވެ.
"ޑޯޓްމަންޑުން އަހަރެންނަށް ކުރި އިތުބާރާމެދު ވަރަށް އުފާކުރަން. ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޑޯޓްމަންޑްގެ ޖާޒީގައި ކުޅެން ފުރުސަތު ލިބުނީތީ އަހަރެން ހަގީގަތުގައި ވެސް ވަރަށް ފަހުރުވެރިވަން،" ޑޯޓްމަންޑްއާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް އެކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޕިޒްޗެކް ބުންޏެވެ.
ފިޒްޗެކްއާ ބެހޭގޮތުން ޑޯޓްމަންޑްގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް ބުނީ، ޕިޒްޗެކްއަކީ ވަރަށް ރަނގަޅު ޕްރޮފެޝަނަލެއްވުމުން އޭނާއަކީ ޒުވާން ކުޅުންތެރިންނަށް ރޯލް މޮޑަލްއެއް ކަމަށާއި މިހާތަނަށް ކްލަބުގައި ހޭދަކޮށްފައިވާ މުއްދަތުގެ ތެރޭގައި ޕިޒްޗެކް ގިނަ ކުރިއެރުންތަކެއް ހޯދައި މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވާ ކަމަށެވެ.