ރުޅިވެރިކަމާއި ފަސާދަ ހިމެނޭ މެސެޖުތަކާއި ދޮގު ޚަބަރު ހިމެނޭ ކޮންޓެންޓު އަވަހަށް ޑިލީޓު ނުކުރާ ނަމަ ސޯޝަލް މީޑިއާ ކުންފުނިތައް ޖޫރިމަނާ ކުރާ ގޮތަށް ޖަރުމަނުގައި ގާނޫނެއް ހެދުމަށް ތައްޔާރުވެއްޖެއެވެ.

ޖަރުމަނުގެ ކެބިނެޓުން ރުހުން ދީފައިވާ މި ގާނޫނު ބުނާ ގޮތުގައި، ސޯޝަލް މީޑިއާގައި މީހުން ފަތުރާ ރުޅިވެރިކަމާއި ފަސާދަ އެކުލެވޭ މެސެޖުތަކާއި، ދޮގު ޚަބަރުތައް ސޯޝަލް މީޑިއާ ކުންފުނިތަކުން ރިމޫވް ނުކުރާ ނަމަ އެ ކުންފުނިތައް 54 މިލިޔަން ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެެއެވެ.

އެ ގާނޫނު ބުނާ ގޮތުގައި ކުންފުނިތަކަށް އެފަދަ ކޮންޓެންޓު ޑިލީޓު ކުރުމަށް ހަތް ދުވަަސް ލިބޭނެއެވެ. އަދި ޖިނާއީ ނުވަތަ ކްރިމިނަލް ކޮންޓެންޓް ހިމެނޭ ތަކެތި ބްލޮކުކޮށް ރިމޫވް ކުރުމަށް ކުންފުނިތަކަށް 24 ގަޑިއިރު ލިބެއެވެ.

ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހަށް މި ގާނޫނު ހުށަހެޅުމަށް ތައްޔާރުވަމުންދާ އިރު، މިކަމާ ގުޅިގެން ފޭސްބުކްއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑުމެންގެ ޕްލެޓްފޯމުން ގާނޫނާ ޚިލާފު ކޮންޓެންޓް ރިމޫވް ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން. އަޅުގަނޑުމެން މިތިބީ މި މައްސަލަ ހައްލުކުރުމަށް ތައްޔާރަށް،" ފޭސްބުކްގެ ތަރުޖަމާނަކު ބީބީސީއަށް ބުންޏެވެ.

ޓްވިޓާ، ސްނެޕްޗެޓް އަދި ގޫގްލް ފަދަ ކުންފުނިތަކުން އަދި މި ގާނޫނާ ގުޅޭގޮތުން އެއްޗެކޭ ނުބުނެއެވެ.

މިދިޔަ މަހު ޢާންމުކުރި މި ގާނޫނުގެ ޑްރާފްޓަށް އިސްލާހުތައް އަންނަނީ ހުށަހަޅަމުންނެވެ.

ޖަރުމަނުގެ އާންމު ލޮބީ ގްރޫޕުތަކުން ދަނީ، މިކަމަކީ ޚިޔާލު ފާޅުކުރުމަށް ސަރުކާރުން އަޅާފާނެ ހުރަހެއް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"މީގައި ކުންފުނިތަކަށް ދޭ ކުރު މުއްދަތުތަކާއި، ބޮޑެތި ޖޫރިމަނާތަކުގެ ސަބަބުން ކިރިޔާވެސް ޝައްކު ކުރެވޭ ފަދަ ކޮންޓެންޓް ޑިލީޓު ކުރުމަށް މަޖުބޫރުވާނެ،" ޖަރުމަނުގެ ޓެކްނޮލޮޖީ ދާއިރާގެ ލޮބީ ގްރޫޕު، ބިޓްކޮމްއިން ބުންޏެވެ.