ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބަހާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކޮށްފިއެވެ.

ފުލުހުން މިރޭ ފާސްކޮށްފައި ވަނީ މއ. ގުލްޝަންކިނާރާއެވެ. އެގެ ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ސޮއިކުރައްވާފައި ވަނީ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފެވެ.

އެ އަމުރުގައިވާގޮތުން އެގެ ބަލައި ފާސްކުރާ މައްސަލައިގެ ބާވަތަކީ ރިޝްވަތު ދިނުން އަދި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމެވެ.

އެ ގެ ބަލައިފާސްކުރަން ބޭނުންވާ ގިނަ ސަބަބުތަކެއް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

ފުރަތަމަ ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ރުހުން އޮތްތޯ ބެލުމަށް ނެގުމަށް ތާވަލްކޮށްފައިވާ ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށަހަޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވުމެވެ.

ދެވަނަ ސަބަބަކީ ރައްޔިތުންގެ މަޖިލިސް ފަދަ މިނިވަން ބާރަކަށް ނުފޫޒުފޯރުވުމަށް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތުގައި ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް ފައިސާ ހަވާލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެގޭ އިބްރާހީމް އަފްރާތު ކަމަށް ތުހުމަތު ކުރެވުމެވެ.

އޭނާ އަށް ފައިސާ ފޯރުކޮށްދެނީ ސިޔާސީ ފަރާތްތަކުން ކަމަށާއި އެފައިސާ އެކި ފަރާތްތަކާ ހަވާލުކުރުމަށް އެގޭގައި ރައްކާކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެހެންކަމުން އެ މައްސަލައާ ގުޅޭ ހެކި ގަރީނާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަކީ އެގެ ފާސްކުރާ ސަބަބެއް ކަމަށް އެ އަމުރުގައިވެއެވެ.