07 Apr 2017, 00:48
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ 'ނުކުޅުމަށާއި' އެމަނިކުފާނާ 'ކުޅުމަކީ' ދިވެހި ގައުމާ ކުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕިޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ގާނޫނީ ސަރުކާރެއް ވައްޓާލަން އުޅޭ ކަމަށްް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އެކަމާ ގުޅިގެން މާލެ ތެރެ ކޮންމެވެސް ވަރަކަށް މިރޭ ހަލަބޮލިވެފައި ވަނިކޮށް އަދުރޭ ވަނީ އެކަމަށް ފާޑު ވިދާޅުވެ ޓްވީޓްް ކުރައްވާފަ އެވެ.
"ރައީސް ޔާމީނާ ކުޅެން ނުހަދާތި. އޭރުން އެކުޅެވެނީ މުޅި ދިވެހި ގައުމާ. ރައްޔިތުން މިއަދު ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި. އަމާޒު ޔަގީން،" އަދުރޭގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
އަދުރޭ މިރޭ ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނީ ވެރިކަމެއް ކުރާއިރު ގާނޫނަށް ފިލައިގެން އުޅޭ މީހުން އަބަދުވެސް ކަންބޮޑުވާނެ ކަމަށެވެ.
އަދުރޭ އެހެން ވިދާޅުވެފައިވާއިރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މައުމޫނު އަބްދުގައްޔޫމު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ގާސިމް ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ ޖޭޕީ އަދި އަދާލަތުން ވެސް ވަނީ ސީދާ ހަަރަކާތައް ނުކުތުމަށް ފާސްކޮށްފަ އެވެ.