އެމްވީކޭގެ ބަސް ދަތުރުތަކުގެ ދެ ވަނަ ރޫޓުގެ ދަތުރުތައް މިއަދު ފަށައިފި އެވެ.

އެމްވީކޭ އިން ބުނީ މިއަދު ހަވީރު 4:00 އިން ފެށިގެން ދެ ވަނަ ރޫޓުން ބަސް ދަތުރު ކުރަން ފަށާފައިވާ ކަމަށެވެ.

ދެވަނަ ރޫޓުގައި ބަސް ދަތުރު ކުރާނީ އަމީނީ މަގުން ގޮސް ބޮޑުތަކުރުފާނު މަގުން މަޖީދީމަގަށެވެ. މަޖީދީ މަގުން ދާނީ ސޯސަލް ސެންޓަރާ ހަމައަށެވެ. ހަމަ އެރޫޓުގައި މަޖީދީމަގާއި ސޯސަންމަގުން ގޮސް މަޖީދިއްޔާ ކައިރިއަށް ވެސް ދަތުރު ކުރާނެ އެވެ.

އެމްވީކޭގެ އޮފިޝަލު، ހާމިދު ނަސީމް މިއަދު ވިދާޅުވީ ހުޅުމާލެ އާއި ވިލިމާލޭގެ ޓާމިނަލްތަކުގެ ސަރަހައްދުން ފެށުމަށް ހަމަޖައްސާފައިވާ ބަސްތައް އެ ސަރަހައްދުތަކުން ހެނދުނު 6:30 ހާއިރު ދަތުރުތައް ފަށާނެ ކަމަށާއި އެގޮތަށް ހަމަޖެއްސީ ކިޔަވާކުދިންނަށް އަމާޒުކޮށްގެން ކަމަށެވެ.

އެމްވީކޭގެ ބަސްތައް ދެވަނަ ރޫޓުގައި ދެން ދަތުރު ކުރާނީ އަލިމަސް ކާނިވާ ސަރަހައްދުން މަޖީދީ މަގަށް ނުކުމެ، ކަނބާ އައިސާރަނިކިލެގެ މަގުން ނެވެ. އެ ރޫޓުގައި އައިޖީއެމްއެޗް ކައިރިން ގޮސް ބުރުޒުމަގުން ނުކުންނާނީ ބޮޑުތަކުރުފާނު މަގަށެވެ.

ހާމިދު އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބަސްދަތުރުގެ ހިދުމަތް ދިނުމުގައި މިހާރު ހަމަޖައްސާފައިވާ އަގުތައް ސްކޫލް ކުދިންނަށާއި އެނޫންވެސް އެހެން ބައެއް ފަރާތްތަކަށް ކުޑަކުރުމުގެ ވިސްނުމެއް އެ ކުންފުނިން ގެންގުޅޭ ކަމަށެވެ.

އަލަށް މިއަދު ފެށި ރޫޓުގައި ހަތަރު ބަހެއް ދަތުރުކުރާނެ އެވެ. އެމްވީކޭއިން ބުނީ މާލޭގައި އިތުރު ރޫޓަކުން ބަސް ދަތުރު ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށާއި ބަސްތައް ދަތުރުތަކުގައި އަދިވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

"ބަސް ހުއްޓާނެ ތަންތަން ކަނޑައަޅާފައި ހުންނައިރު އެތަންތަނުގައި އެއްޗެހި ޕާކްކޮށްފައި ހުންނަނީ އެންމެ ދަތިވަނީ،" ހާމިދު ވިދާޅުވި އެވެ.
އެމްވީކޭއިން މިދިޔަ މަހުގެ 23 ގައި ފެށި ބަސް ދަތުރުރުގެ ހިދުމަތް ދެމުން ގެންދަނީ ފަސް ރުފިޔާއަށް ޓިކެޓް ވިއްކައިގެންނެވެ.