މިނވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރ. އަތޮޅު ބުރުގައި ކުޅުނު ދެމެޗުންވެސް މޮޅުވެ އަތޮޅުގެ ވެރިކަން ކުރާ ރަށް އުނގޫފާރުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އުނގޫފާރު ދަނޑުގައި ކުޅުނު މި މެޗުގައި 3-1 ގެ ނަތީޖާއަކުން އެޓީމު މޮޅުވީ އިންނަމާދޫ އަތުންނެވެ.

މިއަދު ކުޅުނު މެޗުގައި ލަނޑެއް ޖަހައި ފުރަތަމަ ލީޑު ނެގީ އުނގޫފާރު ޓީމުންނެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ބާރނާޑް ކަވާސީ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 25 ވަނަ މިނިޓްގައެވެ. ފުރަތަމަ ހާފުގެ ބޮޑުބައި މި ނަތީޖާއާއެކު އޮތް އިރު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންނަމާދޫން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 28 އަކުރަމް އިދްރީސްއެވެ.

ދެވަނަ ހާފަށް ބަލާއިރު އުނގޫފާރުގެ ފަރާތުން ވަނީ އެ މެޗުގައި މޮޅުކުޅުމެއް ފެނިގެންގޮސްފައެވެ. އެ ގޮތުން ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރު ތަކެއް ނުވެ އެޓީމުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފައެވެ. އެލަނޑު މެޗުގެ 47 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ، ހުސައިން ރިމާޒެވެ. އުނގޫފާރުގެ ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އާތިފް އިގްބާލެވެ.

ފައިނަލުގައި އުނގޫފާރު ކުޅޭނީ ހުޅުދުއްފާރު އަދި އަލިފުށި ވެސް ބަލިކޮށް ފައިނަަލަށް ދަތުރުކުރި މީދުއާއެވެ.