އަދުގެ ސަރުކާރުން އަމަލުތައް ކުރަމުން ގެންދަވަނީ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް ކަމަށާއި، ގާނޫނުގެ ތެރެއިން ވެރިކަން ނުކުރާނަމަ ގާނޫނުގެ ތެރެއިން ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު ޖުމްހޫރީ ޕާޓީން ދީފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ހައްޔަރު ކުރުމާ ގުޅިގެން ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ އަދުގެ ސަރުކާރަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރާ ވެރިކަމެއް ނޫން ކަމަށް ވިދާޅުވެ، އަދުގެ ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

ސަމީރު ވިދާޅުވީ، ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށާއި އެ އަމަލުތަކަކީ ނުރަނގަޅު އަމަލުތަކެއް ކަމަށެވެ. އަދި އެކަންތައްތައް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުށްވެރިކުރާކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީން ޖެހިވަޑައިގަންނަވާނީ ގަވާއިދާ ގާނޫނާ ހިލާފަށް ކުރައްވަމުން ގެންދަވާ ކަންތައްތައް ހުއްޓަން. އެހެން ނޫންކަމަށްވާނަމަ އެމަނިކުފާނު ގާނޫނުގެ ތެރެއަށް އެނބުރި ވަދެވަޑައިގެން ގާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ވެރިކަން ނުކުރައްވަންޏާ އެމަނިކުފާނުގެ ވެރިކަން ގާނޫނުގެ ތެރެއިން އަޅުނގަޑުމެން ވައްޓާލާނަން،" ސަމީރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގާސިމް ހައްޔަރުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް ކަމަށްވާތީ މިއީ މަޖިލީހުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ރައީސް ޔާމީން ކުރައްވާ ކަމެއް ކަމަށެވެ.

އަދި ގާސިމް އިބްރާހިމް ހައްޔަރުކުރެއްވި ނަމަވެސް، ރާއްޖޭގެ ރައްޔިތުން އުފާފާގަތިކަމާއި މިނިވަންކަމާއެކު އުޅެވޭނެ ގޮތަށް ރާއްޖޭގެ ތިން ލީޑަރުންނާއެކު ގާސިމް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓިގެން ނުދާނެ ކަމަށާއި އެ ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހިމް މިރޭ ހައްޔަރު ކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ މ. މާފަންނުވިލާއަށް ފުލުހުން ވަދެއެވެ. އަދި މިހާރު ގާސިމް ހުންނެވީ ދޫނިދޫގައި ހުންނަ ފުލުހުންގެ ތަހްގީގީ ޖަލުގައެވެ.

ފުލުހުން ބުނީ، ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.