މިނިވަން ޗެމްޕިއަންޝިޕްގެ މ. އަތޮޅު ބުރުގައި ނާލާފުށްޓާއި ވޭވަށް ބައްދަލުކުރި މެޗު އެއްވަރުވުމުން މުލަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވެއްޖެއެވެ.

މ. މުލަކު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ނާލާފުށްޓާއި ވޭވަށް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. އެ އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ އަންގާރަ ދުވަހު ނާލާފުށި އަތުން 1-0 ލަނޑުގެ ނަތީޖާއަކުން މުލަކު ވަނީ މޮޅުވެފައެވެ.

މިއަދު ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ނާލާފުށްޓަށް އަހްމަދު ޝިހާދު ލީޑު ހޯދައިދިން ނަމަވެސް، އޭގެ ދެ މިނެޓްފަހުން ވޭވަށް ޓީމަށް ރުޝްދާން އަލީ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގެ 46 ވަނަ މިނެޓުގައި މައުރޫފް އަބްދުލް ސަމަދާއި މެޗުގެ 50 ވަނަ މިނެޓުގައި ހަނީފް އަބްދުﷲ ކާމިޔާބުކުރި ލަނޑާއެކު ނާލާފުށްޓަށް ދެ ލަނޑުގެ ލީޑެއް ލިބުނު ނަމަވެސް، ބަދީއު އަހްމަދު ކާމިޔާބުކުރި ދެ ލަނޑުން ވޭވަށް ޓީމަށް ޕޮއިންޓެއް ކަށަވަރުވިއެވެ. ބަދީއުގެ ލަނޑުތައް ފެނިގެންދިޔައީ މެޗުގެ 78 ވަނަ މިނެޓާއި ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ.

މުލަކުގައި ކުރިއަށްދާ މ. އަތޮޅު ބުރުގައި ވާދަކުރަނީ ތިން ޓީމެވެ. އެއީ މުލަކާއި، ވޭވަށް އަދި ނާލާފުށްޓެވެ. އަންނަ އަންގާރަ ދުވަހު ކުޅޭ މ. އަތޮޅުގެ ފައިނަލްގައި މުލަކާ ދެކޮޅަށް ނުކުންނަ ޓީމެއް ކަށަވަރުވާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މުލަކާއި ވޭވަށް ބައްދަލުކުރާ މެޗަށްފަހުއެވެ.