ދައުލަތަށް ދައްކަން ޖެހޭ ނުވަ މިލިއަނަށް އަށް ވުރެ ގިނަ ޑޮލަރު ނުދައްކައިގެން އެ ފައިސާ ހޯދުމަށް ހަ ރިސޯޓެއްގެ މައްޗަށް ދައުވާކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ]މީރާ[ އިން ސިވިލް ކޯޓަށް މައްސަލަ ވައްދައިފި އެވެ.

މީރާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ތަފާތު ހަ ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި އަދި ކުލި ނުދައްކައި އޮތް މުއްދަތަށް އަރާފައިވާ ޖޫރިމަނާ އާ އެކު 9.9 މިލިއަން ޑޮލަރު ހޯދުމަށް އެ ރިސޯޓުތައް ހިންގާ ކުންފުނިތަކުގެ މައްޗަށް ދައުވާ ކުރުމަށް މި ހަފްތާގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވާ ކަމަށެވެ.

ނަމަވެސް އެ ކުންފުނިތަކުގެ ނަމާއި އެއީ ކޮން ބޭފުޅުންނެއްގެ ކުންފުނިތަކެއް ކަމެއް މީރާއަކުން ހާމައެއް ނުކުރި އެވެ.

ދައުލަތަށް ދައްކަން ޖެހޭ ކުލި ނުދައްކައިގެން ހަ ކުންފުންޏެއްގެ މައްޗަށް މީރާ އިން ދައުވާކުރާ އިރު ދާދިފަހުން ސިވިސްކޯޓުން ވަނީ ނަސަންދުރާ އިން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބަލްޓީ ]ސީއެސްއާރު[ގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ 265000 ޑޮލަރު، އެއް މަސް ދުވަހުގެ ތެރޭ ދައުލަތަށް ދެއްކުމަށް ގެލެގްސީ އެންޓަޕްރައިޒްގެ މައްޗަށް ހުކުމްކޮށްފަ އެވެ.

މީރާ އިން މައްސަލަތައް ކޯޓަށް ލާއިރު އެތައް ދުވަހެއް ވަންދެން ބިމު ކުއްޔާއި ޖޫރިމަނާ ނުދައްކައި އޮތް އަށް ރިސޯޓު އޮޕަރޭޓަރަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭ ނޯޓިސް ފޮނުވައިފަ އެވެ.


މީގެ ކުރިން ކިހާދުއްފަރު ރިސޯޓުގެ މައްޗަށް މިރާ އިން ދައުވާކުމުން އެ ރިސޯޓުން ވަނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއްފަހަރާ ދައްކައި ނިންމައިފަ އެވެ.