އައިއޭއެސް މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕްގެ ނަމުގައި މުޅިން އަލަށް މުބާރާތެއް ތައާރަފްކޮށް، އެ ނަމުގައި ކުރިއަށްގެންދާ ފުރަތަމަ މުބާރާތް މިއަދު އިރާކޮޅު މެރީބްރައުން ޓެނިސް ކޯޓުގައި ފަށައިފިއެވެ.

އައިއޭއެސް މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕް މިއަދު ފެށިއިރު މުބާރާތް ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ވަނީ ޓެނިސް އެސޯސިއޭޝަންއާއި ގައުމީ އެއާލައިން މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އެވިއޭޝަން ސާވިސަސް (އައިއޭއެސް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އައިއޭއެސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ހާރިސްއެވެ. އަދި އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް އަހްމަދު ނަޒީރެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ކުރިއަށްއޮތް ތިން އަހަރުވެސް އައިއޭއެސްއާ ގުޅިގެން މި މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭޕްރީލް މަހުގެ 6 އިން ފެށިގެން 16ގެ ނިޔަލަށް ގައުމީ ފެންވަރުގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 10 ކެޓަގަރީއަކުން ޖުމްލަ 136 ކުޅުންތެރިން ވާދަ ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 68 އަންހެން ކުޅުންތެރިންނާއި 68 ފިރިހެން ކުޅުންތެރިންނެވެ.